މާލެ ސަރަހައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ ހައްލުކުރަން "ބުޅާ ފެސިލިޓީ" އެއް ހުޅުމާލޭގައި ތަރައްގީކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ބުޅާތައް އިންތިހާ އަށް ގިނަވެ، ކުނި ކޮތަޅުތައް "ފަޅާލައި" މަގުތައް "ގޮނޑު" ކުރާތީ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. އެހެންވެ އެޗްޑީސީން އަންނަނީއެ މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް މިދިޔަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރު ހުޅުމާލޭގައި ދިރިއުޅޭ ރައްޔޮިތުންގެ ފަރާތުން އެޗްޑީސީއަށް 50 ޝަކުވާ ހުށަހެޅިފައިވާ އިރު މިދިޔަ އަހަރު 117 ޝަކުވާއެއް ހުށަހެޅިފައިވެއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް އެޗްޑީސީއިން ވަނީ މިދިޔަ އަހަރު ފަށައިފައެވެ.

އެގޮތުން 3000 ބުޅާ ގެންގުޅެވޭނެ ފެސިލިޓީއެއް އެޗްޑީސީން ހެދުމަށް ނިންމާފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބައެއް ކަމުގައިވާ ފަރުކޮޅުފުށީގައެވެ. މި ފެސިލިޓީ ގާއިމް ކުރުމަށް ފަރުކޮޅުފުށިން 790 ސްކެއާ މީޓަރުގެ ބިމެއް އެޗްޑީސީން ކަނޑައަޅާފައިވެއެވެ.

ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އާއްމުންނަށް އުނދަގޫވާ ގޮތަށް އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ފެސިލިޓީ ހިންގަން ހަމަޖެހިފައި ވަނީ އެޗްޑީސީއިންނާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެންކަން ފާހަގަކުރެއްވިއެވެ.

ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް އެޗްޑީސީން ޕްލޭނެއް ހަދާފައިވަނީ މެލޭޝިއާގެ ޓްރެޕް ނިއުޓާ ރިލީޒް މެނޭޖް (ޓީއެންއާރުއެމް) ގެ ކޮންސެޕްޓަށެވެ. އެ ކޮންސެޕްޓްގެ ދަށުން ކޮންމެ ބުޅަލެއްގައިވެސް ޓްރެކިންގް ޑިވައިސްއެއް ހަރުކުރާނެއެވެ. އަދި ބުޅަށް ވެކްސިން ދިނުމާއި ފަރުވާ ދިނުމުގެ އިންތިޒާމްތައް ފެސިލިޓީގައި ހަމަޖައްސަންވެސް ނިންމާފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Edhuru

    ޙުޅުމާލެގަ އިންސާނުންނަށް ބިމެެއް ނެތް ދެއްތޯ...
    ބުޅަލަށް އިންސާނުންނަށް ވުރެ އިސްވީތޯ

  2. އައްޑޫ ޝަކުވާ ބޯޓު

    ވަރަށް ރަނގަޅު، މަރާލުމުގެ ބަދަލުގައި ތި ނިންމެވި ނިންމުން. އެއީވެސް މާތްﷲ ހަލްގުކުރައްވާފައިވާ މަޙުލޫގުންތަކެއް.
    މާލޭގައި އުޅޭ އިންސާނުން ޕެޓް ގެންގުޅެންޝޭކިޔައި، މިގޮތަށް ކިތައް ބުޅާ މާލެ އެތެރެކޮށް ގެންގުޅެލާފައި، ބުޅަލުގެ ހަރަދުތަަަށް ބޮޑުވެ، ނުބެލެހެއްޓި ބުޅާތަށް މަގުމައްޗަށް ދޫ ކޮށްލަނީ؟.
    އާން ކަލޭމެން އިންސާނުންގެ ޓެކްސްފައިސާއިން މިކަން ކުރަންޖެހޭ!

    ބުޅާ އައިލެންޑްއެއް ހެދޭވަރަށް އަދި ބުޅާ ޕާޓީއެއްވެސް ރަޖިސްޓްރީ ކުރެޥޭވަރަށް މާލެގެ އަވަށް ތަކުގައި ވައިލްޑް ބުޅާ އެބައުޅޭ.

    ޢެއްގޮތަކަށްވެސް އިންސާނުނަށް އުނދަގޫވަނީ އޭކިޔައިގެން މަރާލައިގެން ނުވާނެ.!
    ތި ފެސިލިޓީ ހަދައި، ރަނގަޅަށް ބުޅާތަށް ބަލަހައްޓައި ތަން މެނޭޖްކޮށްގެން ތިތަން ހިންގަން، ހަމަ ތިތަނުން ފައިސާ ޖެނެރޭޓް ކުރެވޭނެ.

  3. ދަރަނި ދަންތުރަ

    ދިވެހިރާއްޖޭގައި ނިލަމެތިހާލުގައި އުޅޭ އިންސާނުންނާމެދު ނުވިސްނާތި ؟