ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ލ.އަތޮޅު ކޮވިޑް ފެސިލިޓީން ނިޔާވެއްޖެއެވެ.

ލ.އަތޮޅު ކޮވިޑް ފެސިލިޓީ ހުންނަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައެވެ. މިއީ ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ނިޔާވި ހަތަރު ވަނަ ކޮވިޑް ބަލި މީހާއެވެ. އަދި ލ.އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައި މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ވެސް ނިޔާވެފައި ވެއެވެ.

ކޮވިޑް ޖެހިގެން ލ.އަތޮޅުން މިއަދު ނިޔާވީ 77 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 09:13 ގައި ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ލ.އަތޮޅުން ކޮވިޑް ޖެހިގެން މީގެ ކުރިން ނިޔާވެފައި ވަނީ ބިދޭސީ އަކާއި ދިވެހި އަންހެނަކާއި ފިރިހެނެކެވެ. މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އަންހެނެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން ތިން މީހުން ނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު