ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރު ބިން ނަގަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށްދޭން އެދި ހަނިމާދޫގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

ރައީސް ސޯލިހަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި ހަނިމާދޫގެ ތިން ޖަމިއްޔާއެއްގެ ރައީސުން ސޮއި ކުރައްވާފައިވެއެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސާއި، ސާއްބަ އެކުވެރި ކްލަބްގެ ރައީސްއާއި، ކެތިއަރާ ޖަމިއްޔާގެ ރައީސްއެވެ.

މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އިތުރަށް ނަގަން ނިންމާފައިވާ އަށް ލައްކަ އަކަ ފޫޓުގެ ބިމަކީ ބޮޑު ސަރަހައްދަކަށް ވާއިރު ހަނިމާދޫ ފަޅުން ވެސް އެއާޕޯޓަށް ބޭނުންވާ އިތުރު ބިން ހޯދާ ވަރަށް ޖާގަ އޮންނާނެއެވެ.

މީގެ އިތުރުން މި ސަރަހައްދުގެ ގޮނޑުދޮށަކީ މިހާރު ވެސް ހަނިމާދޫގެ ރައްޔިތުން މޫދަށް އެރި އާއިލާއާއެކު މަޖާކޮށް ހެދުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުގައި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މި ރަށުގެ ރައްޔިތުންނަށް އިތުރު ގެދޮރު ބޭނުންވާއިރު އަދި މުސްތަގުބަލުގައި ވެސް ގެދޮރު ބޭނުންވެދާނެ ކަމަށް ބަލައި ވެސް މި ސަރަހައްދު މުހިއްމު ވާނެ ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަށް އަށް ލައްކަ ފޫޓުގެ ބޮޑު ބިމެއް ނަގަން ނިންމާފައިވާއިރު އެއީ އެ މަޝްރޫއު ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިންޑިއާއަށް ދިނުމަށް އުޅޭ ބިމެއް ކަމަށް ބުނެ އެކި އަޑުތައް އިއްޔެ ފެތުރުނެވެ.

އެކަމަކު އެއީ އިންޑިއާއަށް ދޭން އުޅޭ ބިމެއް ނޫން ކަމަށް ދިވެހި ސަރުކާރުންނާއި އިންޑިއާ ކޮމިޝަނުން ވެސް ވިދާޅުވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ތިލަދުންމަތީ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާފާތުން

    ހަނިމާދޫގެ އެއްފަޅި ވަހީދުއަށް، އަދި، މިހާރު ނުވިތާކަށް ރައްޔިތުން މޫދަން އެރެން އޮތްތަންކޮޅުވެސް ގަބޯއަށާއި އިންޑިއާއަށް، އެއަރޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި ދޭން ނިންމި ރަށު ރައްޔިތުންނާއި ކިހާވަރަކަށް މަސްވަރާކޮށްފައިބާ؟އެރަށު އެއަރޕޯޓް ކޮޅުގައި އެތައް ތަނެއް ހިއްކައިގެން ތިޔަ ބުނާ އެއަރޕޯޓް ތަރައްގީ ނުކުރެވެންވީ ކީއްވެބާ؟ ވަހީދުވިޔަސް، ގަބޯވިޔަސް ތަރައްގީގެ ނަމުގައި ރައްޔިތުންނަށް މިދެމުންގެންދާ ނިކަމެތިކަން ހުއްޓުވޭނެބާ؟