އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔަވަން ލޯނު ނަގާފައިވާ ދަރިވަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސަވާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންނެވި ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވަނީ 15 ދަރިވަރެއްގެ ލޯނެވެ.

މިނިސްޓްރީގެ ދަށަށް ލޯނުތައް ބަދަލުކުރެވިގެން ދިޔުމުން އެއްވެސް އިންޓްރެސްޓެއް ދަރިވަރުން ދައްކަން ނުޖެހެއެވެ.

އަދި ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ ހަ މަސް ފަހުންނެވެ.

މީގެ ކުރިންވެސް އެ މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މި ވަގުތު އޭއޭއޭ ގައި ކިޔަވާ 96 ދަރިވަރުންގެ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން ހަ މަސް ދުވަހަށް ވަނީ ބަދަލުކޮށްފައެވެ.

ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލުތަކެއް ހޯދައި ދިނުމުގެ މަސައްކަތުގެ ތެރެއިން ބީއެމްއެލުން ކިޔަވާ ލޯނު ނަގާފައިވާ އިތުރު ދަރިވަރުންތަކެއްގެ ލޯނުވެސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ފްލައިން ސްކޫލުގެ މައްސަލައަކީ ހައްލެއް ނުހޯދި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. ޝަކުވާތައް ފުނިޖެހިފައި ވަނިކޮށް އެ ސްކޫލުގެ އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ވަނީ އަތުލައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިން ވިދާޅުވި ގޮތުގައި ފްލައިން ސްކޫލުގެ މައްސަލައަށް ހައްލެއް ހޯދެނީ އާ ފްލައިން ސްކޫލެއް ގާއިމްކުރެވިގެންނެވެ. އާ ފްލައިން ސްކޫލެއް ގާއިމްކުރަން ރާއްޖޭގެ އިތުރުން ބޭރުގެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ރައީސް. ހުރިހާކިޔަވާ ކުދިންނަގާ ލޯނުވެސް ބޭންކް އިންޓަރެސްޓް ކުޑަކުރަން ދަންނަވާދެއްވަފާނަންތޯ.މިހާރުގެ އިންޓަރެސްޓަކީ %11. %6 އަށް ހެދިއްޖެއްޔާ ރަނގަނޅު.