ކޮމިއުނިކޭޝަން މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އުފެއްދި އާ މިނިސްޓްރީގެ މިނިސްޓަރު ކަަމަށް ދާދި ފަހުން އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިނިސްޓަރު ޝައުނާއަށް ރުހުން ދޭން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓަށް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ފަހު، އެ މިނިސްޓަރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެއެވެ.

މި މައްސަލަ ދިރާސާކުރަން ފޮނުވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝައުނާއަށް ރުހުން ދޭން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެންބަރުންގެ ތާއީދުންނެވެ.

ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން އެ މަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށް ފަހުގައެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދޭން ކޮމިޓީން ނުނިންމައެވެ. އެއީ ކުންފުންޏެއްގައި އޭނާގެ ޚިއްސާއެއް އޮތުމުން ވަޒީރު ކަން ގަބޫލު ކުރެވޭނެތޯ ބައެއް މެންބަރުން ސުވާލު އުފައްދެވުމުންނެވެ.

އެހެންވެ އެ ކަމުގައި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފައެއް ހޯދުމަށާއި އެ ކަން ރައީސް އޮފީހުން ބެލި މިންވަރު ސާފު ކުރަން ކޮމިޓީން ނިންމިއެވެ. އެކަމަކު އަދި ލަފާ ދިން ކަމެއް ނޭނގެއެވެ.

ޕޮލިޓިކަލް އެންޑް އެންވަޔަރަމެންޓަލް ސައިންސް އިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވާ ޝައުނާ މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ދެން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީއަކަށެވެ. އެއީ ސްޓޭޓް މިނިސްޓަރަކާ އެއް ފެންވަރުގެ މަގާމެކެވެ.

މި ބަދަލުތައް ސަރުކާރުގެ ކެބިނެޓަށް ގެނައީ، މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ސަރަހައްދުތަކުން ލިބުނު ނާކާމިޔާބީއާ އެކުގައެވެ.