މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސައިން އާމިރު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ސަސްޕެންޑް ކޮށްފިއެވެ.

ފަނޑިޔާރުންގެ ބެލެނިވެރި ފަރާތްކަމަށްވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މ. އަތޮޅު ތައުލީމީ މަަރުކަޒުގައި ކިޔަވަމުންދާ، މެޖިސްޓްރޭޓް އާމިރުގެ ދަރިފުޅަކަށް އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލަކާއި ގުޅިގެން ގަނާކުރި ކުއްޖާއާ މެދު ރުޅި އިސްކޮށް އިހާނެތި ގޮތަކަށް އޭނާ އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައި ވާތީ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އާމިރު ވަޒީފާގެ މަސައްކަތް ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މ. ދިއްގަރުގެ އިސް މެޖިސްޓްރޭޓްކަންވެސް ކުރައްވާފައިވަ އާމިރު ސަސްޕެންޑްކުރީ މުސާރައާ އިނާޔަތް ނުލިބޭ ގޮތަށެވެ.

އޭގެ އިތުރުން ޖޭއެސްސީން ވަނީ ގއ ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ ސުލޫކީ މައްސަލައެއްވެސް ބަލަން ނިންމާފައެވެ.