ވޭތުވެދިޔަ ތަނުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ ތެރެއިން އިންތިޒާމުވެގެން ރޭވިގެން އަނިޔާތައް ލިބުނު ފަރާތްތަކުގެ ވާހަކަތައް އާންމުންނަށް ޚިއްސާ ކޮށްދިނުމަށް އާންމު އަޑުއެހުންތަކެއް ބޭއްވުމަށް އިންތިގާލީ އިންސާފުގެ އޮފީހުން ހަމަޖައްސައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ވެރިޔާ އަބްދުލްސަލާމް އާރިފް ވިދާޅުވީ އެ އޮފީހަށް އާންމުންނަށް މައްސަލަތައް ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. މި ގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މަސް ދުވަހަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައިވާ ގޮތުން މި އޮފީހުން 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިނގާފައިވާ މައްސަލަތައް ބެލޭނެއެވެ. މި މައްސަލަތައް ބަލަން އޮފީހަށް ގާނޫނުން މަތިކޮށްފައިވަނީ ދެ އަހަރުގެ ދުވަހުގެ މުއްދަތެކެވެ.

މި ދެ އަހަރު ދުވަހުގެ އެ އޮފީހުން މަސައްކަތް ކުރާނެ ގޮތުގެ މައްޗަށް "އެކްޝަން ޕްލޭން" އެއް އެކުލަވާލާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ކަމަކަށް އޮތީ އާންމުން ހޭލުންތެރިކުރުމަށް ގެންދާ މީޑިއާ ކެމްޕޭނަކާއި އާންމު އަޑުއެހުންތަކެވެ.

އެ އޮފީހުން ވިދާޅުވި ގޮތުގައި ކެމްޕޭންގެ މައިގަނޑު ބޭނުމަކީ އިންތިގާލީ އިންސާފު ގާއިމް ކުރުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތަށް އާންމުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި މީޑިއާ ވެސް އަހުލުވެރި ކުރުމެވެ.

އާންމު އަޑުއެހުންތަކެއް ބާއްވަނީ މާޒީވެ ދިޔަ ތަނުގައި އަނިޔާ ލިބުނު ފަރާތްތަކުގެ ތެރެއިން ލިބުނު އަނިޔާތަކުގެ ވާހަކަތައް އާންމުންނަށް ޚިއްސާކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށެވެ. އިންތިގާލީ އިންސާފުގެ މައިގަނޑު މަގްސަދަކީ ވެސް މިއީ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

އެކަމަކު އެ އާންމު އަޑުއެހުންތައް ބާއްވަން ފަށާނެ ވަކި ތާރީޚެއް އިންތިގާލީ އިންސާފުގެ އޮފީހުން ވިދާޅެއް ނުވެއެވެ. އެ ކަން ނިމުމުން ތާރީޚެއް އިއުލާން ކުރާނެ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

އިންތިގާލީ އޮފީހުގެ މަސައްކަތަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ. އެ ބަޖެޓްގެ ތެރެއިން މިހާތަނަށް 30 މުވައްޒަފުން ހޯދުމަށް އޮފީހުން އިއުލާންކޮށް ގިނަ މުވައްޒަފުންތަކެއް ނެގިފައިވާ ކަމަށް ވެސް އެ އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސސ

    ވަރަށް މަޖާ ހިނި އަންނަ ޒާތުގެ ޑުރާމާ ވެސް ފެންނާނެ، ޔޫސޭ ކޮބައިތޯ އިންތިޤާލީ ބާބު ނެއްތޯ ؟

  2. ޤާދިރު

    ތިތަނުން ވާނެކަމެއް ހަރާމުން ހަރާމް.

  3. ޑީމަކްރަތީ

    ބަލަ ފުރަތަމާނުންވެސް އިންސާފުގެއްލުނީ ރީދޫ ޕާޓީގެ މީހާތިހިރީ ވެރިޔަކައް ދެންކޮއިންސާފެއްވާނީ؟؟މިސަރުކާރަކުންލިބޭނެއިންސާފެއްނެތް މޫޅިމަޖުލީސްދިނީމާ މިވަނީ ސަދުމައްބަދަލުވެފައި؟؟

  4. ސައްލި

    އެމްޑީޕީ އުފެދުނީންސުރެން އިންތިޤާލީގައި އުޅޭބަޔެއް، ކޮންމެ ފަހަރު ދައުރު ދެބައިވާއިރު ދެބައިވެ އިންތިޤާލް ވާނެ، ދުވަސް ކޮޅަކުން ޕާޓީވެސް އިންތިޤާލުވެ އިންދިރާސް ވެދާނެ!