ދިވެހިރާއްޖޭގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމުގެ ތަމްރީން ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނުކުރުވައި ވަކި ޓެކްނިކަލް ފެންވަރެއްގައި ބެހެއްޓުމަކީ ސަރުކާރުގެ އެއް އަމާޒެވެ.

އެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ ހަވާލުކޮށްގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ސެޓްފިކެޓް ލެވަލް 3 ގެ ފެންވަރުގައެވެ.

އެންވަޔަރޮމެންޓް މިނިސްޓްރީން ވިދާޅުވީ، ބޭނުމަކީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގެ 3.1 ވަނަ ސްޓެރަޓަޖީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރު ނިމެންވާ އިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުވެފައި ތިބުން ކަަމަށެވެ.

މިމަސައްކަތަކީ ދިވެހި ސަރުކާރާއި ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން ހއ. ހދ. ށ އަދި ޖީ.ސީ.އެފް ފަންޑުގެ ހިލޭ އެހީގައި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރެވޭ 4 ރަށުގެ (ހދ. ނޮޅިވަރަންފަރު، ށ.ފޯކައިދޫ، ރ.މަޑުއްވަރީ އަދި ބ.ދަރަވަންދޫ) ފެނާއި ނަރުދަމާގެ ޔުޓިލިޓީ ޚިދުމަތްދޭ ރަށްތަކުގެ ޔޫޓިލިޓީ ކުންފުނިތަކަށް އަމާޒުކޮށް މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަސައްކަތްކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ހަވާލުކުރިކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 394,500.00 (ތިން ލައްކަ ނުވަދިހަ ހަތަރު ހާސް ފަސް ސަތޭކަ) ރުފިޔާއެވެ.

މިމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 06 މަސް ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ......

    ބޭކާރު ހަރަދު ނުކޮށް ރައްޔިތު މީހާގެ ޖީބަށް އިތުރުވާނެ ގޮތެއް ހަދާނީ ކޮންއިރަކުންބާ....ގައުމުގެ މައިގަނޑު މައްސަލަތަކަށް ސަމާލުކަމެއްދީ ހައްލުކުރާނީ ކޮން އިރަކުންބާ...ކުރިން ދުވަހަކުވެސް ދުށިން ރޭޕް ކުރުމާ ދެކޮޅަށް އިސްލާމް ދީނުގެ އުސޫލުތައް ރޭޕް ކޮށްގެންތިބި ބަޔަކު ނިކުމެ މަގުމަތީގަ އުޅޭތަން....މިހާ ހިސާބަށް ގައުމު ދިޔައިމަ ވެރިންގެ ނާގާބިލުކަން ހާމަވޭ...ރޭޕް ގެ ފެށުމަކީ ނިކުމެ އެތިބަ މީހުން ގޮތަށް ދީނުގެ އުސޫލުތައް ރޭޕް ކުރުމުގެ ފުރުސަތު މިތާ ފަހިވެފައި އޮތުންކަން ނުދަންނަ ޖާހިލުން ވެރިންގެ ގޮތުގައި ތިބެ މުޅި ގައުމުގެ ބައިތުލް މާލާއި އިޖްތިމާއީ ފޭރާން ރޭޕް ކުރަނީ