ރާއްޖެ އިން ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މިއަދު ދަށަށް ހިނގައްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާ ދެމުން ގެންދަނީ 152 މީހުންނަށެވެ. މިއަދަކީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ފާއިތުވި 39 ދުވަސް ތެރޭގައި ވެސް އެންމެ ދަށަށް ދިޔަ ދުވަހެވެ. މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1369 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު މިބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޖުމްލަވަނީ 51213 އަށް އަރާފައެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ފަހުން ގޯސްވާން ފެށިފަހުން އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ފަހުން ކޮންމެ ދުވަހަކު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އައީ އިތުރުވަމުންނެވެ. އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް މަދުވާން ފެށީ މެއި މަހުގެ 04 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 370 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިހާރު ކޮވިޑް ޖެހިފައި ތިބީ 17461 މީހުންނަށެވެ. މިއަދަކީ ކޮވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 17 ވަނަ ދުވަހަށް ފަހު އެންމެ ދަށަށް ދިޔަ ދުވަހެވެ.

ކޮވިޑް-19 އަށް މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 189 މީހަކު ވަނީ ނިޔާވެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 172 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .....

    މީ ހާދަ މަޖާ ކަމެކޭ ދޯ...ސްވިޗަކަށް ފިތާލީމަ ދައްވެފަ މަތިވޭ އެބަ....ކިހިނެއްބާ މިވަނީ....ކޮވިޑް ނައްތާ ކަހަލަ ސްވިޗެއް ބޯޑުގަ އިންތޯ އަހާލަބަލަ ދެން ދުވަހަކުން ވަގުތުގެ ނޫސްވެރިއަކު ޕްރެސްގަ...ދައްކުރަން އެނގޭ ބަޔަަށް ނައްތާލަންވެސް އެނގެންވާނެތާ...އަނެއްކާ އެހާ ފަސޭހައިން...

    3
    2
  2. ޒިމްޒިމް

    އެޑްމިޓްކކޮއްފާ ތިބި މީހުންތައް މަރުވީމަ މަދުވާނެދޯ.. ދުވާލަކު އެވްރެޖްކކޮށް 9 މީހުންމަރު ވަމުންދިޔައީ... އޮޅުވާލިޔަސް ތިދެން ބޮޑުވަރު..

    3
    1