ކޮވިޑް-19 އާއި ގުޅިގެން ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ހީވެފައިވާތީ، މި ފަރާތްތަކުން ދައްކަން ޖެހޭ އަހަރީ ފީ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދިއެދިއްޖެއެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑްގެ ބަލިމަޑުކަން ދެމިގެން ދިއުމުގެ ސަބަބުން މި ގެއްލުންތައް މިހާރުވެސް ދަނީ މެދުކެނޑުމެއްނެތި ކުރިމަތިވަމުން ކަމަށާއި ބްރޯޑްކާސްޓިންގ ދާއިރާއަށް ތަފާތު މާލީގޮންޖެހުންތަކާ ކުރިމަތިވެ، މި ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ބްރޯޑްކާސްޓްކުރާ އަދި ރީބްރޯޑްކާސްޓްކުރާ ސްޓޭޝަންތައް ހުއްޓާލަންޖެހިދާނެކަމުގެ ބިރު ވަނީ ކުރިމަތިވެފައި ކަމަށެވެ.

ބްރޯޑްކޮމް އިން ވަނީ މައިގަނޑު ހަތަރު ހުށަހެޅުމެއް ރައީސް އަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ބްރޯޑްކާސްޓަރުންނަށް (ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް) ބްރޯޑްކޮމް އިން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ ލައިސަންސްގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީއާއި، ޖޫރިމަނާ މާފުކޮށްދިނުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ބްރޯޑްކާސްޓަރުންނަށް (ޓީވީ އަދި ރޭޑިއޯގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް) ކޮމިޝަނުން ދޫކޮށްފައިވާ ފްރިކުއެންސީތަކުގެ 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ފީ މާފުކޮށްދިނުމެވެ.

މީގެ އިތުރުން ރީބްރޯޑްކާސްޓަރުން (ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތައް) ގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުމަށާއި ރީބްރޯޑްކާސްޓަރުން (ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތައް) ގެ ތެރެއިން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުގެ 2020 އަދި 2021 ވަނަ އަހަރު އަހަރީ ފީ އަދި ޖޫރިމަނާ މާފުކޮށްދިނުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އަދިފައެވެ.

އަދި 2020 އަދި 2021 ވަނަ އަހަރުގެ އަހަރީފީއާއި، ޖޫރިމަނާ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަކާ މެދު އިންސާފުވެރި، ހަމަހަމަ އުޞޫލަކުން ޢަމަލުކުރުމުގެ ގޮތުން އެ ފަރާތްތަކަށް ލުއިތައް ކުރިޔަށް އޮތް ދެ އަހަރަށް (2022 އަދި 2023 އަށް) ބަހާލައިގެން ފޯރުކޮށްދިނުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.

ކޮވިޑް-19 ޙާލަތާ ގުޅިގެން، ވޭތުވެދިޔަ 2020 ވަނަ އަހަރުވެސް، ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކާއި ސްޓޭޝަންތައް ހިންގުމަށް ހުރި ދަތިތައް ދެނެގަތުމުގެ ގޮތުން ބްރޯޑްކޮމް އިން އެ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކާއި އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ރިޕޯޓެއް ވަނީ ތައްޔާރުކޮށްފައި ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

އަދި ސްޓޭޝަންތައް ހިންގުމަށާއި މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން ކޮމިޝަނުން އެދި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި އަދި ކަމާގުޅޭ އެހެން ފަރާތްތަކަށް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓާއެކު ސިޓީ ފޮނުވާފައިވާނެ ކަމަށް ބްރޯޑްކޮމް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.