އެމެރިކާގެ ޖަލެއްގައި މިހާރު އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ މެކްސިކޯގެ ޑްރަގް ޑީލަރު އެލްޗަޕޯ ގުޒްމަން އަކީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި އުފެދުނު އެންމެ ނުރައްކާތެރި އެއް ޑްރަގް ވިޔަފާރިވެރިޔާއެވެ. އޭނާގެ އަނބިމީހާ އެމާ ކޮރޮނެލް ކުށަށް އިއުތިރާފްވެ، ޕްރޮސެކިއުޓަރުންނާއިއެކު އަދަބު ލުއިކުރުމުގެ އެއްބަސްވުމެއް ހަދަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފެބްރުއަރީ މަހުން ފެށިގެން އެމާ ވެސް ހުރީ އެމެރިކާގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެމާގެ މައްޗަށް ވެސް އެމެރިކާގެ ފުލުހުން ގިނަ ތުހުމަތުތަކެއް ކުރެއެވެ. ވޮޝިންޓަންގެ ކޯޓަކަށް މިހަފްތާގައި އެމާ ހާޒިރުކުރަން ވަނީ ތާވަލް ކޮށްފައެވެ.

"ފޮކްސް ނިއުސް" އިން ބުނާ ގޮތުގައި އެމާގެ މައްޗަށް އުފުލާފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ މިހަފްތާގައި އެއްބަސް ވާނެއެވެ. އެއީ އަދަބު ލުއި ކުރުމަށް ޕްރޮސެކިއުޓަރުންނާއިއެކު ސޮއި ކުރާ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އަދި އެމާއަށް އެނގިގެން އެލް ޗަޕޯ ކޮށްފައިވާ ކުށްތަކުގެ ތަފްސީލް މައުލޫމާތުތައް ވެސް މިއެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުންނާއި ފުލުހުންނަށް އެމާ ފޯރުކޮށްދޭނެ ކަމަށް ފޮކްސް ނިއުސް އިން ބުނެއެވެ.

ފޮކްސް ނިއުސްގައި ކޮށްފައިވާ ރިޕޯޓާއި ގުޅިގެން އެމާގެ ވަކީލު އެއްވެސް ކޮމެންޓެއް ކުރަން ދެކޮޅު ހައްދާފައިވާ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ. އެމެރިކާގެ ޕްރޮސެކިއުޓަރުން ވެސް އަދި ފުލުހުން ވެސް އެމާ ކުށަށް އިއުތިރާފް ވުމާއި ގުޅޭ ގޮތުން ރަސްމީކޮށް މައުލޫމާތު ހާމައެއް ނުކުރެއެވެ

މިހާރު އުމުރުން 31 އަހަރުގެ އެމާ އާއި އެލްޗަޕޯ ކައިވެނި ކުރީ އެމާގެ އުމުރުން 19 އަހަރުގައެވެ. އެމާ އާއި އެލްޗަޕޯއަށް އެއްމާބަނޑު ދެކުދިން ވެސް ލިބިފައި ވެއެވެ.