އދ. ގައި ރާއްޖެއަށް ލިބުނު ކާމިޔާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޚިޔާލު ފާޅު ކުރުމުގެ ފުރުސަތު މަޖިލީހުގެ ރިޔާސަތުން ހުޅުވާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ފުރުސަތު ހުޅުވާލީ މަޖިލީހުގެ ރިޔާސަތުގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތީ 143 ވޯޓު ލިބިވަޑައިގެންނެވެ. ޝާހިދުއާ ވާދަކުރެއްވި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލަށް ލިބިވަޑައިގަތީ 48 ވޯޓެވެ.

މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.

މި ކަމާ ގުޅިގެން މެންބަރުންނަށް ޚިޔާލު ފާޅު ކުރަން ދިން ފުރުސަތުގައި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ފޮރިން މިނިސްޓަރު ޝާހިދު އެ މަގާމުގައި ތަމްސީލް ކުރަންވާނީ ދިވެހި ދައުލަތުން ވަކާލާތު ކުރާ ކަންކަމެވެ.

މި ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަކުރެއްވީ ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއް ކަމަށްވެފައި އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ދިވެހި ދައުލަތް ތަމްސީލް ކުރަން ވާނީ އިސްލާމް ދީނުގެ ދިފާއުގައި ކަމުގައެވެ.

މީގެ އިތުރުން ދިވެހި ދައުލަތުގެ މިނިވަންކަމާއި މުސްތަގިއްލު ކަން ހިފެހެއްޓުމަށް ވެސް އާދަމް ޝަރީފް ގޮވާލެއްވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ދުނިޔޭގެ ދައުލަތްތަކުގެ އެންމެ އިސް ޖަމިއްޔާގެ ރިޔާސަތަށް ކުޑަކުޑަ ރާއްޖޭގެ ދައުލަތުގެ ބޭފުޅަކު އިށީންނަވަން ފުރުސަތު ލިބިވަޑައިގަތުމަކީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އެ މެންބަރު ވިދާޅުވި ގޮތުގައި މިއިން ދައްކުވައިދިނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ހަމަހަމަކަން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ސިފަކުރާ ފަދަ ޚާރިިޖީ ސިޔާސަތެއް ނެތް ކަން ދައްކުވައިދީފި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވީ 2007 ވަނަ އަހަރުގެ އޮގަސްޓުން މަހުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހާއި ހަމައަށެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ.

ދެވަނަ ފަހަރަށް ފޮރިން މިނިސްޓަރު މަގާމަށް ޝާހިދު ވަޑައިގެންނެވީ 2019 ނޮވެމްބަރ 17 ވަނަ ދުވަހު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދަކީ ޚާރިޖީ ދާއިރާގައި ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެކަކެވެ.

1984 ވަނަ އަހަރު ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތް ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ވ. އަތޮޅުގެ މެންބަރުކަމާއި ކެޔޮދޫ ދާއިރާގެ އިތުރުން ހެންވޭރު އުތުރު ދާއިރާ ވެސް ޝާހިދު ތަމްސީލް ކުރެއްވިއެވެ. އަދި ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސް ކަން ވެސް އޭނާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮއި ފުޅު

    އާދަނާ ގެ ވާހަކަ ރަނގަޅު

  2. ހުސޭނުބޭ

    ކޮން ކާމިޔާބީއެއް! ރާއްގެއަށް ކޮން ފައިދާއެއް ކުރީ! ރައްޔިތުންނަށް ލިބުނު ފައިދާއަކީ ކޮބައި؟ ލިބުނީ ނަމެއް! ތިކަމަށް ބައިތުލްމާލުން އެތައް މިލިއަނެއް ޚަރަދުކުރި! އަމިއްލަ އެދުމައިގެން އުޅޭ ފޮރިން މިނިސްޓަރެއް! ދެން ކަލޭމެން މަޖިލިސްތެރޭގައި މަޑިޔަށްޖެހެބަލަ!

  3. ކޮވިޑް

    މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އެ މެންބަރު އަށް ނޭންގޭތަ ޤައުމު މިހާލަތުގައި އޮއްވާ އެފަދަ ބޮޑު ހަރަދެއް ރައްޔަތުންގެ ފައިސާއިން ކުރި އިރު އެކުރެވުނީ ކިހާ ނާއިންސާފް ކަމެއްކަން؟މިވެރިކަމަށް އައިސްސުރެ ރާއްޖޭން ބޭރަށް ޝާހިދު ދާ ކޮންމެ ފަހަރަކު މާލެ އައިސް އެކި ޤައުމުތަކުން ލިބުން ހިލޭ އެހީގެ ވާހަކަ އިން އެތައްމިލިޔަން ޑޮލަރު ލިބިފައިވާކަން އެންގޭ ކޮބާ މި ޑަލަރުތައް؟ ހަމަ ޔަޤީންނުންވެސް ސަލާމަތް ނުވާނެކަން އެގުމުން ފިލީކަންނޭގެ ޝާހިދު.

  4. Anonymous

    މިއޮތްފަދަ ޕެންޑަމިކް ދަތި ދުވަސްވަރުގަވެސް ގައުމުގެ ރައްޔަތުން ހިބަރުވަދުގަ ބަނޑަށް ޖައްސައިގެން ރައްޔިތުންގެ ބެއިތިލްމާމާލުން ބޭކާރު ޚަރަދުކޮށްފަ ތިޔަ ފޮރެންމިނިސްޓަރ ހޯދި ތިޔަބުނާ ކާމިޔާބަކީ ގައުމަށް އެއްވެސް ބޭނުމެއްނެތް އަމިއްލައެދުންބޮޑު ކިބުރުވެރިކަމެއް، މިޒަމާނުގެ ޒުވާން ޕީއެޗްޑީ ހޯލއޑާރސް މެންނަށް ތިފަދަ ފުރުސަތުނުދީ ރިޓެއަރޑް އުމުރުގެ ތިޔަ ފޮރެންމިނިސްޓަރ ޝާހިދުއާއި ހެލްތްމިނިސްޓރ ކެރަފާ ނަސީމުފަދަ މީހުން ގައުމުގެ އިސްމަގާމުތަކަށް އިސްކޮށްގެންއުޅޭކަމީ ސަރުކާރުގެ ދޯދިޔާކަން ހާމަވުން، އެފަދަބޭފުޅުންވެސް، ތިމެންނަމެނަށް ނުއުފުލޭފަދަ ބުރަ ކޮނޑުގަ އަޅައިގެން ނުއުޅެ އަރާމުދާނުގަ އަޅުކަމުގައި އުމުރުގެ ބާކީދުވަސްތައް ހޭދަކުރަން ކީއްތޯ؟؟؟🤯🤧

  5. ފަސްމީރު

    ރާއްޖޭން މިމަގާމްއަށް ވާދަކުރަން 1އަހަރު ކުރިން ފަށައިފި. އަދި އިނޑިޔާގެ ތާއީދު ވެސް ދުރާލާ ހޯދައިގެން އޮތީ. އަފްގާނިސްތާން ގެ ރަލްމައި ކުރިމަތި ލާން ނިއްމެވީ މިއަހަރު އަދި ކެމްޕޭންވެސް ނުކުރައވާ. އެބޭފުޅާ ގެ އަވައްޓެރި އިންޑިޔާ ގެ ތާއީދު އޭރުއޮތީ ރާއްޖެއަށް ދޭން އެއްބަސްވެފައި އެހްވީމާ ވީގޮތް . އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އޮތީ ކުރިމަތިލައްވާފައި ތަޖްރިބާހުރި.