ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ހުޅުމާލެ ކޮވިޑް ފެސިލިޓީޣައި ފަރުވާ ދެމުން ދަނިކޮށް ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ 94 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މި ބަލީގައި މިއަދު ނިޔާވި ދެ ވަނަ މީހާއެވެ.

މިއާއެކު މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 191 އަށް އަރައިފައެވެ.

މިއަދު ކޮވިޑް ބަލީގައި އެންމެ ފުރަތަމަ ނިޔާވެފައި ވަނީ 77 އަހަރުގެ ފިރިހެނެކެވެ. އެމީހާ އަށް ވެސް ފަރުވާ ދިނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑްގައި އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. އިއްޔެ ވެސް ކޮވިޑް ޖެހިގެން ވަނީ އުމުރުން ދުވަސްވީ މީހަކު ނިޔާވެފައެވެ.

ރާއްޖެއިން ނިޔާވި 191 މީހުންގެ ތެރޭގައި ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ޢުމުރުން ދުވަސްވީ މީހަކަށް އަވަހާރަވީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) އެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމާއި ށ. އަތޮޅާއި ނ. އަތޮޅުގެ މެމްބަރު ކަން ކުރެއްވި ފިޔާތޮށި އަހުމަދު މަނިކު އެ ބަލީގައި އަވަހާރަވީ އުމުރުން 100 އަހަރުގައެވެ.

އަދި އެންމެ ހަގު ޢުމުރުގެ ކުއްޖަކަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ރާއްޖެއިން ނިޔާވި 191 މީހުންގެ ތެރޭގައި ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ. ބިދޭސީ އާބާދީގެ ބޮޑު ބައެއް ހިލޭ ވެކްސިން ޖަހައިފި އެވެ.