މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް އަންދާޒާ ކުރަން، އެސެސްމެންޓް ހެދުން ލަސްވާތީވެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އިމާރާތް ވަނީ އަނދައިފައެވެ. އެ ތަނުގައި ދިރިއުޅެމުން ދިޔަ އާއިލާތައް މިހާރު ތިބީ ސަރުކާރުން ހަމަޖައްސާފައިވާ ތަންތަނުގައެވެ. އަލިފާން ރޯވި އިރު އިމާރާތުގައި 60 މީހަކު ދިރިއުޅެމުން ދިޔައެވެ. އެތަނުން ދެ މީހަކަށް އަނިޔާވެސްވިއެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

އަލިފާނުގެ ހާދިސާ އަށް ހަފްތާއެއްހާ ދުވަސްވިއިރު ސަރުކާރުން ވަކި އެއްޗެއް ނަންގާތީވެ އާއިލާތަކުގެ ކަންބޮޑުވުންތަކެއް އެބައޮތެވެ.

އިމާރާތުގެ ތިން ވަނަ ފްލޯގައި ދިރިއުޅެމުން ދިޔަ މުހައްމަދު އަޝްފާގު "ވަގުތު" އަށް ބުނީ މި ވަގުތު އާއިލާއަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ ވެސް އެ މަސައްކަތް ލަސްވުން ކަމަށެވެ.

"އެސެސްމެންޓް ލަސްވާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އަޝްފާގު ބުންޏެވެ.

އޭނާ ބުނީ ސަރުކާރުން އާއިލާތަކަށް ދެވެނޭ ބަދަލެއްވެސް އެނގިގެން ދާނީ އެސެސްމަންޓަށް ފަހު ކަމަށް އަންގާފައިވާ ކަމަށެވެ. އިމާރާތް ބޭނުންކުރަން ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ހާމަކޮށްފައެވެ.

އިމާރާތް ކުރަން ހަރަދުކުރަން ޖެހޭ އަދަދެއް ވެސް އެނގޭނީ އެސެސްމެންޓް ހެދުމުން ކަމަށްވާ އިރު ވީހާވެސް އަވަހަކަށް އެކަން ނިންމައި އާއިލާތަކަށް އަންގައި ދިނުމަށް އަޝްފާގު އެދިފައިވެއެވެ.

އެސެސްމެންޓް ގޮސްފައި އޮތް ހިސާބު ބަލަން ޕްލޭނިން އަށް ގުޅާލުން އޮފިޝަލަކު ވިދާޅުވީ، އެ މައުލޫމާތުތައް ރަސްމީކޮށް ހާމަކުރާނީ އެންޑީއޭއިން ކަމަށެވެ.

އެންޑީއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން "ވަގުތު" އަށް ވިދާޅުވީ، އެސެސްމެންޓް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ރޯވީ ހަތަރު ވަނަ ފްލޯގެ މަތީގައި ހުންނަ ގުދަނެއްގައެވެ.

އެ ގޭގައި ދިރިއުޅޭ މީހުން ބުނާ ގޮތުން ނަމަ އަލިފާން ރޯވަން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަލިފާން ނިއްވާލަން ފަޔާލޮރީ ދިޔުމުގައި ލަސްވި ކަމަށް އެ މީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝިޔާމް

    މަޖިލީހާއި އެހެނިހެން މުއައްސަސާތަކުގައި ކުރިޔަށް ދަނީ އެންމެ މައްސަލައެއް. އެކަން ކުރިޔަށް އެބަދޭ ބާރަށް ކުރިޔަށް.

  2. ޑަރޯގާ

    ިމި ގައުމުގަ އުޅެނީ އެޓޭންޝަން ޑެފިސިޓް ޑިސްއޯޑަރ ހުރި އިސްތިޢުފާ ދެއްވި ރައީސް އެކަނި. އެމަނިއްޕުޅަށް ދޭންވާސަމާލުކަން ދީފާ ދެން އެހެންކަމެއް ވާނީ. އެމަނިއްޕުޅުގެ ބަހުރުވައިންނަމަ ދިވެހިންނަށް ޙައްގުމިންވަރަކީ އެއީ.

  3. އުގުރި

    އަންނިގެ ކަންތަ އްތަ އް ނިމުނީމަ ނޫނީ ދެނެ އް އެވެސް ކަމެ އް ނުބެލޭނެ