ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ވޯޓް ދިން ގޮތާއި އޭގެ ޗެޓް ލޮގް ލީކު ކޮށްލި މައްސަލަ ބަލަން އެ ކޮމިޓީން ނިންމައިފިއެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުކޮށް ހުށަހެޅި މައްސަލައެކެވެ. މި ކޮމިޓީ ކުރިއަށް ދިޔައީ ސިއްރުންނެވެ. ސިއްރު ކޮމިޓީގައި ދައްކާ ވާހަކަ ހާމައެއް ނުކުރެވޭނެއެވެ.

މިއަދު ބޭއްވި އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވީ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފައި ވަނިކޮށް އެ ބައްދަލުވުމުގެ ވޯޓު އާންމު ކުރި މައްސަލަ ބެލުމަށެވެ.

"ސިއްރު ބައްދަލުވުމެއްގެ ނިންމުން އާންމު ކުރުމަކުން މައްސަލައެއް ނެތް، އެކަމަކު ސިއްރު ބައްދަލުވުމެއްގެ ވޯޓާއި ޑޮކިއުމަންޓްތައް ޕަބްލިޝް ކުރުން ބަލައެއް ނުގަނެވޭނެ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެކި އިންޒާރުތައް ވެސް ލިބިގެން ދިޔަ،" ސަނީފް ވިދާޅުވިއެވެ.

ސަނީފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އަދި މި މައްސަލަ ބަލަން ކޮމިޓީން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި މައްސަލަ ހުށަހެޅުއްވި ސަނީފާއި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި ނާޒިމަކީ ވެސް ޒަމީލްގެ މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި ދެ މެންބަރެކެވެ.

ދެން އެއަށް ވޯޓު ދެއްވި މެންބަރުންނަކީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދާއި، ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިޝާމާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ރައީސް ނަޝީދުގެ ހުށަހެޅުއްވުން ކޮމިޓީން ބޭރުކޮށްލަން އެމްޑީޕީގެ ހަތަރު މެންބަރަކަށް ލޮބީ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަމަށް އެމްޑީޕީގެ މެންބަރުން އެބަ ވިދާޅުވެއެވެ.

މި ހުށަހެޅުއްވުން ބޭރުކޮށްލުމުން ރައީސް ނަޝީދުގެ ސަޕޯޓަރުންނާއި އެމަނިކުފާނުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ. މިއާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނު ވެގެން ދިޔައެވެ.

ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތު ކުރެވުނީ، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީއަކަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި ޑިފެންސް މިނިސްޓްރީން ފޮނުވި ލިޔުމެއްގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

ޒަމީލްގެ މައްޗަށް އެ ދައުވާ އުފުލަދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް މަޖިލީހުގެ އިދާރާއިން އެދުނެވެ. އެކަމަކު، އެ މައްސަލަ ފުލުހަށް ހުށަހަޅަން ލަފާދީ، ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

241 ކޮމިޓީން ހިންގާ އިންކުއަރީއަކީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ. މިހާރު މި އިންކުއަރީއަށް ވަކިވަކި ސިފައިން ވެސް ދަނީ އެންމެ ފަހުން ހާޒިރު ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސސ

  ބަލަ ޑިމޮކްރަސީ އަކީ މަޖިލިސް ކޮމޮޓީގެ މަސައްކަތްވެސް ހާމަކަން ބޮޑުކޮށް ކުރުން، ސިއްރުން ކަންކުރާތަނެއް ނޫން މަޖިލިހަކީ !

  26
  1
 2. އެލެކްސް ގަންޖާ

  މިއޮތީވާ ކަމަކާޖެހިފަ ދެން މިގައުމުގަ މީހަކުނެތީތަ؟

  30
 3. ޜަނާ

  ގަވައިދުގައި އޮންނަ ގޮތް ބުނުމަ ކީ އިމްތިޔާޒު ތަ ކަށް އަރައިގަތުންބާ!ނަން ވާނީ ޔާމީނު އޭނަ ކުރި ކަންތަ ކަށް ވުރެ މާނުލަފާ ކަމެއްނު ބުއްޅަ ކުރަން މި އުޅުނީ . އެއްވެސް ކުށެއްނެތް މީހެއް ކުށްވެރިކުރަން. ސީދާ ޑި ކްޓޭ ޓަރއެއް. ތިމާ ނުރުހުނީ އެމީހެއްގެ ދުވަސް ދުއްވާ ލަންވީ. ހޭބަލިވެދާނެ ހިތް ތިރި ރައީސް މީހާޔޯ

  28
 4. ޑައެލޯގް

  ތިޔަ ރީނދޫކުދިންނަށް އަބަދުއޮންނާނެކަމަކީ ބޭކާރު ކަންކަމުގައި މައްސަލަބެލުމެވެ. އެހެންހުއްޓާ ދައުރުނިމޭނީއެވެ. ތަރައްގީއަށް ކުރާނެކަމެއް ނޯންނާނެއެވެ.

  27
 5. ވެލާރިއޯ

  ދެން ކިހާ ދެރަކަމެއް.. ތި ނަސީދުގެ ކަންކަން ކޮންފަ މިއޮއްފަދަ ހާލަތުގައި ރައްޔިތުންނަށް ނެތްތަ ކޮށްދެވޭނެކަމެއް.. ކިތައްމެ ވަރެއް ކުރިޔަސް ދީނާއި ބެހޭ ރާބޮވެންޖެހޭނެ ކިޔައިގެން ރަށްތަކަށް 2009 ގައި ގެސްޓް ހައުސް ނަމުގައި ރާ ޕްރޮމޯޓުކޮށް ދަރިންގެ އުޅުން ދޮން މީހުން އުޅޭ ގޮތަށް އުޅެން ޕްރޮމޯޓް ކުރީ.. މިހާރު ސްްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ވެއްދުން ދީނާއި ޚިލާފު.. ހުރިހާ ކަމެއް ނަސީދު ކުރަނީ ދީނާއި ބީރައްޓެހިކޮށް.. މިރާއްޖޭ އިލްމުވެރިންގެ އަގުވައްޓާލާ ގަވްމު އިންޑިޔާ އަށް ވިއްކުން ނޫންކަމެއް ނެތް

  26
 6. އަހުމަދު

  ރައޔިތުން ވިސްނަ. އިންޑިޔާއިން ބޯގަޅި ދެގެރި ޖައްސައި ދިވެހި ޤައުމު ނުހިންގި މަސްލަހަތު ނެތްކަމަށް ބުނެ އިނޑިޔާ އަސްކަރިއްޔާ އިން ދަނީ....................؟

 7. ބޯހަލާކު

  ނަޝީދަށް ގެ އްލުމުގެ ބަދަލެ އް ނަގަ އިދޭން ވެސް ފާސްކޮށްފާނެ

 8. ސައްޕެ

  ރީންދު ހުންޖެހިގެން އުޅޭ މެމްބަރުންނަށް ޑިމޮކްރަސި އަކަށް ވާނީ ލާދީނީ އަންނި ބުނާ ކޮއްމެ ގޮތެއް.