ވެލާނާ އިންޓަރނޭޝަނަލަ އެއަރޕޯޓްގައި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ކުރިއަށް ގެންދާ އުމުރާނީ ތަރައްގީގެ މަސައްކަތަށް ދިވެހިން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެމްއޭސީއެލުން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ހިތްހަމަ ޖެހުން ލިބިދޭފަދަ ހިދުމަތްތައް ފޯރުކޮށްދޭ ތަނަކަށް އެއާޕޯޓް ހެދުމުގެ ގޮތުން ވެލާނާ އެއާޕޯޓްގެ ހިދުމަތުގެ ފެންވަރު މަތިކުރެވުމުގެ ގޮތުން، އުމުރާނީ ތަރައްގީ ގެނެވުމަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.

މިމަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުރިއަށް ގެންދާ އެންމެ ބޮޑު އުމުރާނީ ތަރައްގީގެ މަސައްކަތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް އަލުން ބިނާ ކުރުމުގެ މަޝްރޫޢުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދެވޭގޮތަށް ޒަމާނީ ފެންވަރަށް ގާއިމު ކުރެވޭ ވީ.އައި.ޕީ ޓާމިނަލް އިމާރާތާއި، A380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭނެ އާ ރަންވޭއާއި، ދުނިޔޭގައި މިހާތަނަށް ގާއިމު ކުރެވޭ އެންމެ ބޮޑު ސީޕްލޭން ޓާމިނަލް އާއި، މިހާރު އެއާޕޯޓުގައި ގާއިމު ކުރެވިފައިވާ ހުރި ވަރަށްވުރެ ތިންގުނަ ބޮޑު ތެޔޮ ރައްކާ ކުރެވޭ ފިއުލް ފާމަކާއި އާ ކާގޯ ޓާމިނަލަކާއި އާ ފަޔަރ ސްޓޭޝަންގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

މިމަޝްރޫޢުތަކުގެ އިތުރުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ވަރުގެ ބޮޑު ޓާމިނަލެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަގެންދެއެވެ. އެމަސައްކަތް ވެސް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު، މި ޕްރޮޖެކްޓުގެ މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އެމްއޭސީއެލުން ވަނީ ފަށާފައެވެ. އެގޮތުން ޕްރޮޖެކްޓްތަކުގެ މަސައްކަތަށް ގާބިލު ޓިމެއް އެކުލަވާލަން ގިނަ އަދަދެއްގެ މަގާމުތަކަށް ބޭނުންވާ ދިވެހިން ހޯދުމަށް މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

އެގޮތުން ސީނިއާރ ޑިވެލޮޕްމެންޓް މެނޭޖަރަކާއި، ފަސް ޑިވެލޮޕްމެންޓް މެނޭޖަރުންނާއި، ދެ ޕްރޮޖެކްޓް މެނޭޖަރުންނާއި، ދެ ޕްރޮޖެކްޓް އޮފިސަރުން ހޯދުމަށް ވަނީ އިއުލާނު ކޮށްފައެވެ. އެމްއޭސީއެލުން ވިދާޅުވީ، މި މަގާމުތަކަށް ހޮވިގެންދާ ދިވެހި މުވައްޒަފުންނަށް އެއާޕޯޓުގައި މިވަގުތު ކުރިއަށްދާ ބޮޑެތި ޕްރޮޖެކްޓަތަކުގެ ތެރެއިން ދާއިރާއިން ބޭނުންވާ ތަޖްރިބާ އާއި ހުނަރު ލިބިގެންދާނެ ކަމަށެވެ.

މި ވަޒީފާތަކަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރާނީ ކުންފުނީ ޕްރޮޖެކްޓް ޑިޕާޓްމެންޓްގައި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއިންނާއި އަދި އިންޖިނިއަރިން ސާވިސަސް ތަމްރީނާއި ތަޖްރިބާ ލިބިފައިވާ މުވައްޒަފުންނާއި އެކު ގައި ކަމަށާއި އަލަށް މަގާމުތަކާއި ހަވާޅުވާ ދިވެހިންނަށް އެއާޕޯޓުގެ މަސައްކަތުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ހުނަރުވެރި ފަރާތްތަކާއި އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބި ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއޭސީއެލުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ

    ދައްކަން ބުނިބަހެއްތީ. އާޚިރުގަ ދިވެހިން ނުލިބުނޭކިޔާފަ އިންޑިޔާމީހުން ތިތަނުގަ ތިބޭނީ.

  2. ޕީޕީއެމް

    ޔާމީންގެ މަސަ އް ކަތު ގެ ކުރެޑިޓް ނަގަން ވެގެން އޮޅުވާލަނީ. ރަންވޭ އޮތީ ނިމިފަ. ސީޕްލޭން ޓާމިނަލް ނިންމާ މިހާރު އޮތީ ކޮރަޕްޝަން މަގު ފަހި ކޮ އް ދީފަ. ތެޔޮ ރަ. އް ކާ ކުރާތަން ނިމިފަ. ދެން ކީ މޭ މިކިޔަނީ