ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ރާއްޖޭން ބޭރަށް އަލީ ވަހީދު ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ހުށަހަޅައިގެންނެވެ.

އެ އެއްބަސްވުމުގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކުރިއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ވަގުތު" އަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަން ކްރިމިނަލް ކޯޓުން ވަނީ އެ އޮފީހަށް އަންގައިފައެވެ.

ޝަފީއު ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުން އެ އޮފީހަށް ފޮނުވި އެންގުވުމުގައި ވަނީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން އަލީ ވަހީދު އެދިވަޑައިގަތުމުންނާއި ސިއްހީ ހާލަތާ ގުޅުން ހުރި ލިޔެކިއުންތަކެއް ފޮނުވާފައިވާތީ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފައިވާ ކަމެވެ.

އެހެން ނަމަވެސް މި ލިޔެކިއުންތައް ދައުލަތާ ޚިއްސާ ކުރައްވާފައި ނުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދު އޮންލައިންކޮށް މި ޝަރީއަތުގައި ބައިވެރިވާން އެދިވަޑައިގެންނެވި އޭނާ ހުންނެވި ގައުމެއް ވެސް ނޭނގެއެވެ. އެންމެ ފަހުން މައުލޫމާތުތައް ލިބުނު ގޮތުން ނަމަ، އޭނާ ހުންނެވީ ތުރުކީގައެވެ.

ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނުގައި އޮންނަ ކަމެއް ނޫނެވެ. އަދި މިއީ މިހާތަނަށް ޖިނާއީ މައްސަލައެއްގައި ރާއްޖޭގައި ކޮށްފައިވާ ކަމެއް ވެސް ނޫނެވެ.

އަލީ ވަހީދު ފުރާވަޑައިގަތް ފަހުން އޭނާގެ ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް ދައުލަތުން އިސްތިއުނާފް ކޮށްފިއެވެ. އެކަމަކު އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މި މައްސަލައިގެ އަޑުއެހުންތައް ނުގެންދެވޭނެ ކަމަށް މަތީ ދެ ކޯޓުގެ މަރުހަލާގައި ވެސް އޮތީ ކަނޑައަޅައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގައި ހަ ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތަކަކީ ޖިންސީ ގުނުވަން ދެއްކި ކަމުގެ ކުށުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުެ ކުށުގެ ދެ ދައުވާއެވެ.

އަލީ ވަހީދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވި ދައުވާތައް އުފުލާފައިވަނިކޮށް ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ފުރުސަތު ދެއްވުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުންތައް ވަނީ ޝަރުއީ ނިޒާމަށާއި ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގުޔ

  މި އެއްޗިހިން ތައް ބޭނުން ގޮތެއް ހަދަނީ ހުރިހާ ކަމެއް ގަ!!!

 2. ހެހެހެކެކެ

  ފިލްމު ނިމުނީ

 3. ކެޔޮޅު

  އަލީވަހީދު މެނައް ގޮތެއް ހަދާނުލެވޭނެ އެއީ ކުރިވައްކައްކަންތައް އެނގޭމީހުން!!!

 4. ވާންޗޯ

  މިގައުމުގައި ރައްޔިތުންގެ ކުރިމަތީ އެކަމަކު ރައްޔިތުންނަށް ހަގީގަތް ފޮރުވައިން ކުރާ އެންމެ ބޮޑު އަނިޔާވެރި ފްރޭމް ކުރުން. ވަރަށް ވާހަކަ.

 5. ހުރަސްޓި

  ސަލާމަތްކޮށްލައިދިނީ؟ ނުވާނެ އެހެނެއް

 6. އަރުމާޒުގެ ރައިވަރު

  މިކަމާގެން ނޫޅޭ މީދެން މިސަރުކާރުގެ ހެޔޮވިސްނުން

 7. ކަޅިރަވަ

  ސިއްހީ ހާލަތޭކިޔައިގެން ދޮގާމަކަރު ހަދަމުން ދަނިކޮށް ބޮޑުވެގެންވާ މުސީބާތެއް ފާޅުނުވެއްޖެއްޔާ ކިތަންމެހާވެސް.

 8. ރަތުނާއު

  އުންސުރު ހަމަނުވޭ. ހަހަހަ