ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބަނގުރާ އެކުލެވޭ ކާބޯތަކެތި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތި ނައްތާލާފައިވަނީ ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގަ އިއްޔެއެވެ. މިތަކެއްޗަކީ ތަފާތު އެކި ފަހަރުމަތީން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ. މިފަހަރު ނައްތާލިތަކެތީގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރާއްޖެ އަންނަ ފަސިންޖަރުންގެ ލަގޭޖް ބަލައިފާސްކުރުމުގެ ތެރޭގައި އަތުލެވިފައިވާ ރަލުގެ ބާވަތްތަކެވެ.

މިގޮތުން ރަލުގެ ބާވަތްތައް އެކުލެވޭ 10412 ފުޅިއާއި 1350 ދަޅު ނައްތާލެވިފައިވެއެވެ.

މީގެ އިތުރުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ރާއެކުލެވޭ ތަކެތި ކަމަށް ފާހަގަކުރެވިގެން ކަސްޓަމްސްގައި ހިފެހެއްޓިފައިހުރި ކާބޯ ތަކެތީގެ ބާވަތްތައް ހިމެނޭ 1537 އައިޓަމާއި ބަނގުރަލުގެ އިޝްތިހާރު ހިމަނާފައިވާ 1802 އައިޓަމް ހިމެނެއެވެ.

އަދި ޑޮކްޓަރގެ ޕްރެސްކްރިޕްޝަންނެތި އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓިފައިވާ ބޭހުގެ ބާވަތްތައް އެކުލެވޭ 2011 އައިޓަމެއްވެސް ވަނީ ނައްތާލެވިފައެވެ.

ރާއްޖެއަށް އެތެރެކުރުން މަނާތަކެތީގެ ޤާނޫނުގެ ދަށުން ހިފެހެއްޓިފައިވާ 755 އައިޓަމްވެސް އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެެެއެވެ.

މިތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގެ ބެލުމުގެދަށްގެނެވޭ ތަކެތި ނައްތާލުމަށް ޤާއިމްކުރެވިފައިވާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.