ބެންގާލީ ޓީވީ އެކްޓަރެއް ކަމުގައިވާ ސުވޯ ޗަކްރަބޯތީ ފޭސްބުކް ލައިވްއެއްގައި އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފިއެވެ.
ޖޫން 8 ވަނަ ދުވަހު އޮތް މި ލައިވްގައި ''މަންގަލް ޗާންދީ އެންޑް މަނަސާ'' ޑުރާމާގެ އެކްޓަރެއް ކަމުގައިވާ ސުވޯ އޭނާގެ ލައިވްގައި ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން އެއްވެސް މަސައްކަތެއް ކުރަން ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން އޭނާ ވަނީ ނަފުސާނީ ގޮތުން ބަލިކަށިވެފައި ކަމަށެވެ.
އަދި ކުއްލިއަކަށް އަމިއްލައަށް މަރުވާ ވާހަކަ ދެއްކުމުން ލައިވްގައި ބައިވެރިވި އޭނާގެ ބައެެއް ސަޕޯޓަރުންނާއި އާއިލާ މީހުން ވަނީ އެކަން ފުލުހަށް ހުށަހަޅާފައެވެ. އަދި ސުވޯ ހުރިތަނަށް ވީ އެންމެ އަވަހަކަށް ފުލުހުން ގޮސް ވަނީ އޭނާ ސަލާމަތް ކޮށްފައެވެ.
ފުލުހުންގެ ފަރާތުން ވާހަކަ ދައްކަމުން ބުނެފައިވަނީ މި ޚަބަރު ލިބުމާއި އެކު އެތަނަށް ދިޔަ ކަމަށެވެ. އަދި ސުވޯގެ ބައްޕަ ވެސް ދާދި ފަހުން ނިޔާވެފައިވާ ކަމަށެވެ.
މަސައްކަތެއް ނުލިބުމާއި ބައްޕަ ވަކިވެގެން ދިޔުމަށް ކެތް ނުކުރެވިގެން ސުވާ މިގޮތަށް ކަންތައް ކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ސުވޯގެ ލައިވްގައި އޭނާ ބުނެފައިވަނީ ޑައިރެކްޓަރުންނާއި ސަޕޯޓަރުންގެ ފަރާތުން މަސައްކަތަށް ތަރުހީބު ލިބުނަސް މަސައްކަތް ނުލިބޭ ކަމަށާއި މި ދިރިއުޅުން އޭނާއަށް ދެން ނޫޅެވޭނެ ކަމަށެވެ. އެއަށްފަހު ނިދާ ބޭސްތަކެއް ކެއުމަށްފަހު ލައިވް ނިންމާލައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިހާރު ސުވޯގެ ހާލު ރަނގަޅެވެ.