ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ފަރާތުން ޕީޕީއެމްގެ މެމްބަރުންނަށް ހިޔާނާތުގެ އެއްވެސް މަންފާއެއް ލިބިފައިނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ޕީޕީއެމްއަށް ނިސްބަށްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެންބަރުންގެ ނަން އެބައޮތެވެ. ޝުޖާއުގެ ނަންވެސް ލިސްޓުގައި އެބައޮތެވެ. މި ލިސްޓު ރައްޔިތުންގެ މަޖިލީހަށް ޚިއްސާ ކުރުމުން މަޖިލީހުން ވަނީ ކުރިން އާންމުކޮށްފައެވެ.

ލިސްޓުގައި ނަން އޮތް މެންބަރުން ވަނީ ހިޔާނާތުގައި ފައިސާގައި ޖެހުނު ކަމަށް އިންކާރު ކުރައްވާފައެވެ. ވިދާޅުވަމުން ގެންދަވަނީ ލިސްޓުގައި ނަން އޮތީ ސިޔާސީ ކުރިމަގު ބަނަކޮށްލަން ކަމަށެވެ.

މި ސަރުކާރުގެ އިސްވެރިންގެ ނަންވެސް އޮތްއިރު، ގަލޮޅު ދެކުނު ދާއިރާާގެ ކުރީގެ މެންބަރު އަދި މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަށް ހިޔާނާތުގެ ދައުވާ ކޮށްދިނުމަށް އިއްޔެ އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރަން ފޮނުވަން ނިންމީ ސަރުކާރާ އެއްކޮޅަށް މަޖިލީހުގައި ބިލެއް ފާސް ކުރުމަށް އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު އެސްއޯއެފް އެކައުންޓުން ޖަމާކޮށްފައިވާ ކަން ތަހުގީގަށް ފާހަގަވެގެނެވެ.

ވޯޓަށް ފަހު ޚިޔާނާތުގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކުންނާއި މަހްލޫފްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ތާރީޚުން އެއީ ޚިޔާނާތުގެ ފައިސާ ކަން ތަހުގީގަށް ފާހަގަވާން އޮތް ކަމުގައެވެ.

ރޭ ސަންގު ޓީވީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ މެމްބަރުންގެ ނަން ހިޔާނާތުގެ ލިސްޓުގައި އޮންނަނީ އެ މެމްބަރުންގެ އަގުވައްޓާލަން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި ޝުޖާއު ވިދާޅުވީ، އޭރު މަޖިލީހުގައި ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެއްވެސް މެންބަރަކު ސަރުކާރުގެ ބިލެއް ފާސްކުރަން އަދީބު އަތުން ފައިސާ ނަންގަވާފައިވާ ނުވާނެ ކަމަށެވެ.

އޭރު އޮތީ ޕީޕީއެމްގެ ސަރުކާރަކަށްވާއިރު ބިލެއް ފާސްކުރަން މެންބަރުން ސަރުކާރުން ފައިސާ ނަގަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާނާތުގެ ފައިސާގައި ޖެހުނީ އެމްޑީޕީގެ މެންބަރުންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ނުހުންނާނެ އަދީބު އަތުން ފައިސާ ނަގާފައެއް. ނުހުންނާނެ ޔަގީން ކަމާއެކު ދަންނަވަނީ. ޗެލެންޖެ ކޮށްފައި މި ދަންނަވަނީ" ޝުޖާއު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އެއްކޮށް ތަހުގީގުކޮށް ނިންމާލެވޭނެ ދުވަހެއް އަދި ނޭނގެއެވެ. މައްސަލާގައި ފެންމަތިނުވާ އެތައް ކަންތައްތަކެއް ފެންމަތިވަމުން އަންނައިރު މި ވެރިކަމުގެ ތެރޭގައިވެސް މިކަން ނިންމާލެވޭނެ ކަމާއިމެދު ގިނަ ބަޔަކު ޝައްކު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލްލޮލް

    ތެދެއް ޕީޕީއެމް މީހުން ނެގީ ސީދާ ހަޒާނާ އިން....

    7
    2
    • ކޮވިޑް

      ދެން މިހާރު ސަރުކާރުގަ ތިބި އެމްޑީޕީ މީހުން ނަގަނީ ސީދާ ރައްޔަތުން ބަންދު ކުރުމަށްފަހު ރައްޔަތުންގެ ޖީބުން ދެއްތޯ ލޮލްލޮލް؟އަދިވެސް ކަނީ ކަނީ ، ނޭވާހޮޅިންވެސް ކެއީ ، ކޮވިޑް ވެކްސިން އިން ކަނީ ، ބޭރު ގައިމުތަކުން ހިލޭ ބަހަން ދިން މާސްކް، ސެނަޓަޒާ ، އަންގި ތައްވެސް ކެއީ، އެންމެ ފަހުން މި ޤައުމުގެ ބިންތައްވެސް ވިއްކާފާ ކަނީ ، ލޮލް ލޮލް ލޮލް........

  2. ދާރި

    ޔާމީނުގެ އެކަޢުންޓް ގަހުރީ ކޮންތާކުން ފޭބިފަޢިސާ އެއްބާ... ވިޔާފާރި ނުކުރަމޭވެސްބުނި.

  3. ބޮކި

    ޕިންކީކުލަސްޓާގެ މީހުން އެއްގޮތަކަށްވެސް ހިޔާނާތުގެ ފައިސާއެއް ނުނަގާނެ....

  4. މެކުނު

    ޕީ ޕީ އެމް އެވެސްމީހަކު ލޯލާރިއެއްގަވެސް ނުޖެހޭނެ.
    އެއީ ހުދުފޮތިކޮޅެއްކަހަލަ ބައެއް

  5. ތަތޭ

    އެހެންވީއިރު ޔާމީނު އަތުން ދޯ ފައިސާ ނެގީ..