މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު މއ. މޯނިންވިއުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް އަންދާޒާ ކުރަން، އެސެސްމެންޓް ހަދައި ނިމިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އިމާރާތް ވަނީ އަނދައިފައެވެ. އެ ތަނުގައި ދިރިއުޅެމުން ދިޔަ އާއިލާތައް މިހާރު ތިބީ ސަރުކާރުން ހަމަޖައްސާފައިވާ ތަންތަނުގައެވެ. އަލިފާން ރޯވި އިރު އިމާރާތުގައި 60 މީހަކު ދިރިއުޅެމުން ދިޔައެވެ. އެތަނުން ދެ މީހަކަށް އަނިޔާވެސްވިއެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

އެންޑީއެމްއެއިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ހާދިސާގެ އެސެސްމެންޓް ނިމި ޕްރެސެސް ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ. އެސެސްމެންޓާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އަންނަ އާދިއްތަ ދުވަހު މިޑިއާތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ އަށް ހަފްތާއެއްހާ ދުވަސްވީ އިރު ސަރުކާރުން ވަކި އެއްޗެއް ނަންގާތީވެ އާއިލާތަކުގެ ކަންބޮޑުވުންތަކެއް އެބައޮތެވެ. އިމާރާތް ކުރަން ހަރަދުކުރަން ޖެހޭ އަދަދެއް ވެސް އެނގޭނީ އެސެސްމެންޓް ހެދުމަށް ފަހުއެވެ.

އިމާރާތް ބޭނުން ކުރަން ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށް އެމްއެންޑީއެފުން ވަނީ ކުރިން ހާމަކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ގޭގައި ދިރިއުޅޭ މީހުން ބުނާ ގޮތުން ނަމަ އަލިފާން ރޯވަން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

ރޯވީ ހަތަރު ވަނަ ފްލޯގެ މަތީގައި ހުންނަ ގުދަނެއްގައެވެ. ގުދަނުގައި ރޯވި އަލިފާންގަނޑު ތިރިއަށް ފެތުރިގަތުމުގެ ކުރިން އިމާރާތުގައި ތިބި އެންމެން ވަނީ އިމާރާތުން ބޭރަށް ނިކުމެ ސަލާމަތްކަން ހޯދައިފައެވެ.