ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި މަހުގެ ހަވަނަ ދުވަހުގެ ދިން ބޮމުގެ ހަމަލާގައި ޒަޚަމްވި އާންމުންގެ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ދިން އެ ބޮމުގެ ހަމަލާގައި އާންމުންގެ ދެ މީހަކާއި ނަޝީދުގެ ހަށިފާރަވެރިންގެ ގޮތުގައި އޭރު ތިއްބެވި ތިން މީހަކަށް ވެސް ވަރަށް ބޮޑަށް އަނިޔާވިއެވެ.

އެގޮތުން މި ހަމަލާގައި އަނިޔާވި ހދ. ވައިކަރަދޫ، އާދަމް އުމަރު 41، ގެ ފަޔަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކުގެ ފޮޓޯތަކެއް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އަދި އާންމުންގެ މީހަކަށް ވާތީ އެހީތެރިކަމެއް ނުދެވޭތޯ ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާދަމް އުމަރާ ރައީސް ނަޝީދުގެ އާއިލާއިން ވެސް ބައްދަލު ކުރި ކަމަށް އެ އާއިލާއިން ވެސް ވަނީ ބުނެފައެވެ. ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވި ގޮތުގައި އާއިލާއިން އެ މީހާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މި ކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓްގައި ވިދާޅުވީ އެ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ފޯރުކޮށްދެވޭނެ އެހީގެ މައުލޫމާތުތައް އެ މީހާއާ ޚިއްސާ ކޮށްފައިވާ ކަމަށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޖެންޑާ މިނިސްޓްރީގެ ޓްވީޓްގައިވެއެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އާދަމްގެ ފައިގެ ކުޑަވައި އިނގިއްޔާ ދިމާއިން ކަށިގަނޑު ބިނދިފައިވާ ކަން ފެނެއެވެ. އަދި ފައިތިލަ މަތީގައި ބޮޑު ފަރުގަނޑެއް ވެސް ލާފައިވެއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވައިގެން ހިންގި ކަމަށް ބުނެވޭ މި ހަމަލާގެ މައްސަލާގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ހަމަލާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތު ކުރެވޭ ނުވަ ވަރަކަށް މީހުން ހައްޔަރުކޮށްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުންތަރި

    އާމުންގެ މީހާއެަކީ ދިވެހިރައްޔިތަކަށްނުވާތީބާ އެފަކީރަށް ފަރުވާ ނުލިބުނީ ކޮބާ އެނިކަމެތި ރައްޔިތުމީހާޣެ ޙައްޤު؟ ކެނެރީގޭ ނަޝީދު ވީމާ އޭޑީކޭއަށްގެންގޮސް އެތަނުގެ ހުރިހާ ޮކްޓަރުންނާ ނަރުހުން ހޭލާ ތިބެގެން އެންމެ މަތީފެންވަރުގެ ފަރުވާދީ ރަނގަޅިކުރީ ނިކަމެތި ރައްޔިތުމީހާވީމާ މިއަދާހަމައަށް އެކަށީގެންވާ ފަރުވާ ނުލިބި ޒަހަމްތަށް ފާރުވެ ފުރާނަ ނުރައްކަލަށްހުށަހެޅެން ދޫކޯށްލީ އެހާދިސާގަ އަނިޔާވި އެންމެނަށް އެކަށީގެންވާ ފަރުވާ ދިނުމަކީ ދައުލަތުގެ ޒިންމާއެއް އެކަމަކު ކެނެރީގޭނަޝީދު ފަހަތުން މުޅި ދައުލަތް ދުވަނީ ނިކަމެތިން އަތުން ޓެކްސް ނަގައިގެން ދައުލަތު ނަޝީދަށް ދޭ ފައިސާ މަދުވީމަތަ؟ ރައްޔިތުމީހާ ވާނެ އެއްޗެއްވާން ދޫކޮށްލީ ނިކަމެތި ރައްޔިތަކަށްވީމަތަ؟ ކޮބާ ޙައްޤުވާމިންވަރަކީ މީބާ؟ ކޮންމެކަމެއްވެސް ސޯސަލްމީޑިޔާ ކެކިގަތީމަ ދެން މި ދުއްވައިގަންނަނީ މީ މި ސަރުކާރުގެ ހާލަކީ ރައްޔިތުންނަށް ކިހާ އޯގާތެރިސަރުކާރެއްމީ މިވަރުގެ އޯގާތެރި ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއްނޫންދެނެއް