ޖިންސީ ގޯނާގެ ކުށުގެ ހަ ދައުވާއެއް އުފުލާފައިވާ އަދި މިހާރު ރާއްޖޭން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގުޅޭނެ ގޮތެއް ހަމަޖައްސައިދޭން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

"ވަގުތު" އިން ކުރި ސުވާލެއްގައި ޖަވާބުގައި، ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދަކީ ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ހޯދައި ނުފެނިގެން ޝަރީއަތް ނުހިންގުނު މީހެއް ކަމަށެވެ.

ނަމަވެސް އަލީ ވަހީދު ގެންދަވަނީ ކްރިމިނަލް ކޯޓާ މުއާމަލާތް ކުރަމުން ކަން ކްރިމިނަލް ކޯޓުން މިއަދު އެ އޮފީހަށް އެންގި އެންގުމުން ފާހަގަކުރެވުނު ކަމަށް ޕީޖީގެ އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ރާއްޖޭން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް މި ޝަރީއަތުގައި ބައިވެރިވާން އެދިވަޑައިގެންފައެވެ. އަދި އޭނާގެ ސިއްޚީ ހާލުކޮޅު ބަޔާންކޮށްދޭ ޑޮކްޓަރުންގެ ލިޔެކިއުންތަކެއް ވެސް ކޯޓަށް ހުށަހަޅާފައިވާ ކަން އެ ކޯޓުން ޕީޖީއަށް އެންގެވި ކަމުގެ މައުލޫމާތު ވަނީ ދެއްވައިފައެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އަލީ ވަހީދަށް ގުޅުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތް ވެސް ކާމިޔާބު ނުވާތީ އެ ކަން ހަމަޖައްސައިދޭން އެދި ކްރިމިނަލް ކޯޓަށް އެ އޮފީހުގެ ސިޓީއެއް ފޮނުވާފައިވާނެއެވެ.

"އަލީ ވަހީދާ ގުޅޭނެ ގޮތް ސާފުކޮށް ދެއްވުމަށް ކުރިމިނަލް ކޯޓަށް ސިޓީއަކުން ދަންނަވައިފިން." ޕީޖީގެ އޮފިޝަލް ވިދާޅުވިއެވެ.

އަލީ ވަހީދު އާއި އައްސަދު އަލީ - ވަގުތު އިމޭޖަސް

ރާއްޖޭން ބޭރަށް އަލީ ވަހީދު ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ހުށަހަޅައިގެންނެވެ. އެ އެއްބަސްވުމުގެ މުއްދަތު އިއްޔެއަށް ވަނީ ހަމަވެފައެވެ.

މިއަދު މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ވެސް ތާވަލުކުރިއެވެ. އެކަމަކު ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ. އަޑުއެހުން ކެންސަލް ކުރިކަން ޕީޖީއަށް ކްރިމިނަލް ކޯޓުން ފޮނުވި އެންގުވުމުގައި ވަނީ ވެސް އަލީ ވަހީދުގެ ލިޔެކިއުންތަކެއް އެ ކޯޓަށް ހުށަހަޅާފައިވާ ކަމެވެ.

ޕީޖީ އޮފިޝަލް ވިދާޅުވީ، ޖާމިނުވި ފަރާތާ މެދު ގޮތެއް ނިންމައިދިނުމަށް އެދި އެ އޮފީހުގެ ފަރާތުން ވަކި ސިޓީއެއް ވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާނެ ކަމަށެވެ. ޕީޖީން ދެކެވަޑައިގަންނަވާ ގޮތުގައި އަލީ ވަހީދު ހާޒިރު ނުވެ ވެސް ޖާމިނުވި ފަރާތާ މެދު ކޯޓަށް ގޮތެއް ނިންމޭނެއެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދެވެ. މި ކަމުގައި ކްރިމިނަލް ކޯޓުގެ ބަހެއް ހޯދަން "ވަގުތު" އިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އެހެންވިޔަސް "ވަގުތު" އަށް މައުލޫމާތު ލިބޭ ގޮތުގައި އަލީ ވަހީދު މުއާމަލާތް ކުރައްވަމުން ގެންދަވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދާއެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުމުން ގާޒީގެ މައްސަލަ ޖޭއެސްސީއިން ވެސް ދަނީ ބަލަމުންނެވެ.

އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްދަލުވަމުން ގެންދަވާ ގާޒީ ހަސަން ސައީދު - ފޮޓޯ: އަވަސް

އަލީ ވަހީދު މި ވަގުތު ހުންނެވި ގައުމެއް ޔަގީނެއް ނޫނެވެ. އެންމެ ފަހުން މައުލޫމާތުތައް ލިބުނު ގޮތުން ނަމަ، އޭނާ ތުރުކީއަށް ވަޑައިގަތެވެ.

ރާއްޖޭގެ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނުގައި އޮންނަ ކަމެއް ނޫނެވެ. އަދި މިއީ މިހާތަނަށް ޖިނާއީ މައްސަލައެއްގައި ރާއްޖޭގައި ކޮށްފައިވާ ކަމެއް ވެސް ނޫނެވެ.

އަލީ ވަހީދުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވި ދައުވާތައް އުފުލާފައިވަނިކޮށް ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ފުރުސަތު ދެއްވުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިއުންތައް ވަނީ ޝަރުއީ ނިޒާމަށާއި ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލލ

    ހައިކޯޓާއި ސުޕްރިމް ކޯޓުން ނިންމެވި ގޮތަށް ކުރިމިނަލް ކޯޓުން މިމައްސަލަ ނުނިއްމެވެނީތޯ ؟

    4
    1
  2. Anonymous

    ކުށް ސާބިތު ވެއްޖިއްޔާ ރާއްޖެ ނާންނަ ގޮތައް އެކަމަކު ނަން ސާފު ވެއްޖިޔާ ރާއްޖެ އައުމުގެ ފުރުސަތު އޮންނަ ގޮތަށް މީނަޔަށް ކަންކުރާކަށް ނުޖެހޭ ހަމަ އެކަނި ރުޔަކަސް ނުވާނެ .

    4
    1
  3. ފަންސުރު

    އަނެއްކާވެސް ގާޒީއާއި ޖައްސާލާ، ބަލަ ޕޖ ނޭދުނަސް ކޯޓާއި އެފަރާތާއި މުއާމަލާތްކުރެވިގެން ދާކަން ދޯ އެއިނގެނީ، ޔަގީން ކަށަވަރު ގާޒީޔާނޫންކަން މުއާމަލާތު ކުރަނީ

    2
    1