ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވަން ފަށައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ބާއްވާން ނިންމާފައިވާ މި އިންތިހާބާއި ގުލޭ ގޮތުން އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު އިސްމާއިލް ހަބީބު "ވަގުތު" އަށް ވިދާޅުވީ މިއަދު ހެނދުނު 8:00 އިން ފެށިގެން އެކި ރަށްރަށަށް ވޯޓު ފޮށިތައް ފޮނުވާފައިވާ ކަމަށެވެ. މިހާރު ގިނަ ރަށްތަކަށް ވޯޓު ފޮށިތައް ފޮނުވިފައިވާކަން ފާހަގަކުރައްވަމުން އޭނާ ވަނީ މިރޭގެ ވަގުތެއްގައި ހދ. ހިސާބަށްވެސް ވޯޓު ފޮށިތައް ފޮނުވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މާދަމާގެ ވަގުތެއްގައި ހއ އަށާއި ހުރިހާ އަތޮޅަކަށްވެސް މި އިންތިހާބުގެ ވޯޓު ފޮށިތައް ފޮނުވާނެ ކަމަށް ވިދާޅުވެއެވެ.

ހަބީބް ވިދާޅުވީ މި އިންތިހާބު ކުރިއަށްދާއިރު ކޮންމެ ރަށެއްގައިވެސް އީސީގެ ދެ އޮފިޝަލުން ތިބޭނެ ކަމަށެވެ. އެ ދެމީހުންގެ ތެރެއިން އެކަކީ ފޮށްޓާއި ހަވާލު ހުންނަ ފަރާތްކަމަށާއި އަނެއް އޮފިޝަލަކީ އިންތިހާބު މޮނީޓާ ކުރުމަށް ހުންނަ މީހާ ކަމަށް ވިދާޅުވިއެވެ.

ކައުންސިލް މެމްބަރުންގެ މެދުގައި ކުރިިއަށް ގެންދާ މި އިންތިހާބުގައި ނުވަ ކެންޑިޑޭޓެއް ވާދަކުރެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ ޖުމްލަ 964 މީހަކަށެވެ. އީސީން ވިދާޅުވާ ގޮތުން މި އިންތިހާބުގައި 183 ވޯޓު ފޮށި ބެހެއްޓޭނެއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ. ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ހަތް ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އަތޮޅު ކައުންސިލްތަކުގެ ތެރެއިން އިންތިހާބުކުރާ މެމްބަރުގެ ގޮނޑިއަށް ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވަނީ އިންތިހާބަކާއި ނުލައި ހޮވިވަޑައިގެންފައެވެ. އެއީ ސުންގަޑި ހަމަވިއިރު އިތުރު ފަރާތެއް އެ ގޮނޑިއަށް ކުރިމަތިލާފައި ނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު