އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ނަސީމެވެ. ފިނޭންސް މިނިސްޓްރީން ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ.

މި ރަސްމިއްޔާތުގައި ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ،އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އަދި ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށެވެ.

މިނިސްޓަރ ނަސީމް އިތުރަށް ވަނީ މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަަަމަށް ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްސީ

    ކޮބާ ވެންޓިލޭޓަރުތަށް، އަނެއްކާ އަނެއް ލާރިގަނޑު ހުސްކޮށްލަނީ، ރައްޔިތުން މިހާރު ހޭއަރަން ވެއްޖެނު މިކަމުން ސަލާމަތް ކޮށްދެމުމަށްއެދި ދުޢާކުރޭ އެންމެން ވީހާވެސް ގިނައިން.