މިދިޔަ މެއި މަސް ތެރޭގައި، ރާއްޖޭގެ އުތުރުގެ ރަށްތަކަށް އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން ގެއްލުން ލިބުނު ހއ.ހޯރަފުށީ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

މެެއި 13 ވަނަ ދުވަހު ހިނގާދިޔަ އެ ހާދިސާގައި އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ދޮރު ވެއްޓި ތަޅައިގެން ގޮސްފައި ވެއެވެ. އަދި އެއާޕޯޓުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގެ ސީލިންގްވެސް ވެއްޓިފައިވެއެވެ. އަދި މީގެ އިތުރުން އުދަ އެރުމުގެ ސަބަބުން އެ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ވަނީ ގަލާއި ވެލި އަރާފައެެވެ.

އެމްޓީސީސީން ވިދާޅުވީ، އެ އެއާޕޯޓްގެ މަރާމާތުގެ މަސައްކަތް ނިންމާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީންނެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކޮށްފައި ވަނީ ނޮވެމްބަރު މަސް ތެރޭގައެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.

އެ އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ.