ކޮވިޑް-19 އަށް ފައްސިވާ ބަލި މީހުން އެނދުމަތިކޮށްގެން ފަރުވާދެމުންގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި މައްސަލަތަކަށް ހެޔޮ ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމްއިން ވިދާޅުވީ، އެ ކޮމިޝަނުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ކުރި ޒިޔާރަތަށްފަހު އިދާރާތަކަށް ހުށަހަޅާފައިވާ ކަންކަން ފުރިހަމަވެފައިވާ މިންވަރު ސާފް ކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކާއި ބައްދަލުކޮށްފައިވާ ކަަމަށެވެ.

އެތަނަށް ކުރި ޒިޔާރަތަށް ފަހު، އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރާކަމަށެވެ.

އަދި ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް މި މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިކަންކަން ހައްލު ކުރުމަށް ވަގުތު ދިނުމަށްފަހު އިދާރާތާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލުދެއްވަމުން އެޗްއާރްސީއެމްއިން ވިދާޅުވީ، މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން އެ ފެސިލިޓީގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެެވެ. އޭގެ ތެރޭގައި ހިދުމަތް ދިނުމަށްޓަކައި ފެސިލިޓީގައި ހަރަކާތްތެރިވާ ސްޓާފުންގެ އަދަދު އިތުރުކޮށްފައިވާ ކާމާއި، ބަލި މީހުން ފެސިލިޓިއަށް ގެންދިއުމުގެ ކުރިން ސިއްހީ ހިދުމަތްދޭ އިތުރު މަރުކަޒުތަކުގައި ބަލި މީހުން ޓްރިއޭޖް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.

އަދި ސްޓާފުން އިތުރުވުމުގެ ސަބަބުން ތަނުގެ އެނދުމަތިކޮށްގެން ފަރުވާ ދޭ ބަލި މީހުންގެ ކަންތައް ބަލައި، އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްފައިވާކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

"އަދި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަންވެސް މި ބައްދަލުވުމުގައި ބައިވެރިން ހިއްސާ ކުރެއްވި މައުލޫމާތުމާތިން ފާހަގަކުރެވުނު". ހެލްތް މިނިސްޓްރީ، އައިޖީއެމްއެޗް، ހުޅުމާލެ މެޑިކަލް ފެސިލިޓީ އަދި އިސްލާމިކް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްްގައި އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެރު

    ކޮބާ އަޅާނުލާ ފަރުވާ ކުޑަކުރުމުން ގެއްލުނު ފާރާތައް ނިކަމެތިވި އާއިލާގެ ހައްޤު ޔަތީމްވި ދަރިން ފަގީރުވި ދަރިން ތިޔައީ ވިކިފައި އޮތް ތަނެއް އެޗް އާރު ސީއެމްތައް އަޅޭ މިފައިގަޑު ލަދެއް ހަޔާތެއްވެސް ނެތީތަ ފެސިލިޓީ ރަގަޅު ނޫން އިރު ހިގިހާ ކަންތައްތަށް ހުދު ކާފޫރު ކޮޅަކަށް ވީދޯ ކީކެ ދެން ބުނާނީ ސޭކް ސާލިޙް ގޮތަށް ހުސްދޮގު ތިޔަހައްދަވަނީ ސަލާމް

  2. އަބްސީ

    ތިކަހަލަ ހެޔޮބަދަލު ތަކެއް އެބަ އާދޭ ބުނާއިރަށް ބިރުން ފިއްކަނޑައިގެންދޭ މިހާރު. ކޮންމެ ހެޔޮ ބަދަލެކޭ ބުނާއިރަށް ބަޖެޓްގެ ބޮޑުބައެއް ހުސްވެފަ، ކުރިއަށްވުރެ ޙާލުދެރަވަނީ މިހާތަނަށް

  3. Anonymous

    ތިޔަހެން ކިޔަ ކިޔާ ތިބޭ މިވެރިކަމެއްގަ މިގައުމު ދާނީ ބިކަވަމުން.

  4. ޙަސަން

    ޢިހުމާލުން ނިޔަާވެގެންދިޔަ މީހުންގެ ޒިންމާ ނަގަނީ، އެޗް.އާރް.ސީ.އެމް އިންތަ، ނޫނީ ކާކުބާ؟. ގައިމުވެސް އިހުމާލުން މީހުން މަރުވުމަކީ ތަހުގީގުކޮށް މައްސަލަ ބަލައި ހުކުމް ކުރަން ޖެހޭ ކަންކަން. މިކަމާ އުޅޭނެ މީހަކު ނެތީތަ؟

  5. ސޫއޫދު

    ކޮއްމެވެސް އެއްޗެއްވިއްކަން ތިއުޅެނީ ތިނުވިކޭނެ ތީއެމްޑީޕީ އެކްޓިވިސްޓުން މަގާމުދީފަތިބި ތިތަނުގެނަން ކިޔަސް އަނެއްކާތިއުޅެނީ ކޮވިޑް އިންވެސް 23 ކެންޕެއިންޖައްސަން އޮޅުވާނުލާ މުޅިދައުލަތުގަ ތިބީނާގާބިލް މީހުން ޗިޗަންޑާ 19 ގެދަޝުން މަގާމުދީފަތިބި 100 ދުވަސްތެރޭ ވީވައުދުތައް ކޮއްމެރެއަކު އުކަނީ ވެމްކޯއިން ހިނިއައްނަނީ ކުއްލިއަކައް 6 ގަޑިއިރު ތެރޭ މެޖިކްހަދާ ކޮވިޑް ނިންދަވާލި ބަޔަކު ކޮސްގޮވަނީ މުޅިގައުމައް އެބަލިފެތުރުމައްފަހު ކެންފެއިން ކުރަން އޭރުކޮބާ؟؟!؟