ގދ. ތިނަދޫން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރައިފިއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން މިއަދު 10 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 302 އަށް އަރާފައެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާރު 184 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެރަށުގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 118 އެވެ.

ތިނަދޫން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ ކޮވިޑް ފެސިލިޓީގައެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެކަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ތިނަދޫން މީހަކު ކޮވިޑަށް ފައްސިވެ އެރަށަށް އަރާ ފޭބުން މަނާ ކޮށްފައި ވަނީ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

ރާއްޖޭގެ އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ހަލުވިކަމާއެކު މިހާރުވެސް ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 69 ރަށެއް ވަނީ ކޮވިޑާއި ގުޅިގެން ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެޖެންޑާ 19

    ސިންގަޕޫރާ އެއ އްވަރު އަދިތިވީ.