މިއަދު އިތުރު 323 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 29 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 163 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 143 މީހުން، ހިންގަމުންދާ ރިސޯޓްތަކުން ނުވަ މީހުން އަދި ސަފާރީތަކުން އަށް މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މަދުވިއިރު މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު ވެސް މަދެވެ. މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3819 މީހުންނެވެ. މިއަދަކީ މެއި މަހުގެ 19 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %8 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިއްޔެ ކޮވިޑް-19 އަށް ފައްސިވީ 341 މީހުންނެވެ. އެއީ 5190 މީހުން ޓެސްޓް ކޮށްގެންނެވެ. އިއްޔެ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %7 މީހުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 14281 އަށް މަދުވެފައެވެ. މިއަދަކީ މެއި މަހުގެ 13 ވަނަ ދުވަހަށް ފަހު ކޮވިޑް ބަލި މީހުންގެ އަދަދު ރާއްޖެ އިން އެންމެ މަދުވި ދުވަހެވެ.

ފާއިތުވި ދިހަ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖެ އިން މިހާރު ދުވާލަކު ކޮވިޑް-19 އަށް ފައްސިވާ އެވްރެޖް އަދަދު ހުރީ 514 ގައެވެ. މިދިޔަ މަސް ނިމުނުއިރު އެންމެ ފަހު ހަފްތާގައި ވެސް އެވްރެޖްކޮށް ދުވާލަކު 850 މީހުން ފައްސިވިއެވެ.

ކިޔުންތެރިންގެ ހިޔާލު