ރާއްޖޭގައި ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރި އަށް މީހަކު އެ ބަލީގައި ނިޔާވެފައިވާ އިރު، އެއްވެސް ޑޯޒެއް ނުޖަހާ 68 މީހުން ބަލީގައި ނިޔާވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އޭޕްރީލް މަހުގެ 28 އިން ފެށިގެން މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އެޗްއީއޯސީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ކޮވިޑްގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ 68 މީހަކު ކޮވިޑް ބަލީގައި ދުނިޔެއާ ވަކިވާން ޖެހުނެވެ. އަދި ދެ ޑޯޒް ފުރިހަމަ ކުރި އަށް މީހަކު ވެސް ބަލީގައި ނިޔާވިއެވެ.

އެއް ޑޯޒް ޖެހި މީހުންގެ ތެރެއިން މި ބަލީގައި ނިޔާވެފައި ވަނީ 24 މީހުން ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ނަމަވެސް، ނިޔާވި މީހުން ޖެހީ ވެކްސިންގެ ކޮން ވައްތަރެއް ކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ވެކްސިންތަކުގެ ތެރޭގައި އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިން ހިމެނެއެވެ. ރާއްޖޭގައި ކޮވިޑް ވެކްސިންގެ އެއް ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ތިން ލައްކަ އަށް ވުރެ މައްޗަށް އަރާފައިވާ އިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު ވެސް މިހާރު ދޮޅު ލައްކަ އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

އެގޮތުން، އެންމެ ގިނަ ބަޔަކު ޖެހި ވެކްސިނަކީ ކޮވިޝީލްޑެވެ. ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ޖެހީ ސިނޮފާމް ވެކްސިނެވެ.

މި މުއްދަތުގެ ތެރޭގައި ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އަދި 40 އިންސައްތަ މީހުންނަކީ އަންހެނުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް 192 މީހުން ވަނީ ނިޔާވެފައެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ 80 އަހަރުން މަތީގެ 31 މީހަކާއި އުމުރުން 65 އަހަރާއި 80 އަހަރާ ދެމެދުގެ 37 މީހުންނާއި އުމުރުން 40 އަހަރާއި 64 އަހަރާ ދެމެދުގެ 35 މީހުންނާއި އުމުރުން 40 އަހަރުން ދަށުގެ އަށް މީހުންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 69،536 އަށް އަރާ އިރު މި ބަލީގައި ރަނގަޅުވި މީހުންގެ އަދަދު 55،055 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އަދުރޭ

  މީ އަދުރޭގެ ހިސާބެއްދޯ. މަރުވީ 192 މީހުން. ދެ ޑޯޒް ޖެހީ 8 މީހުން. އެއްޑޯޒް ޖެހީ 24 މީހުން. އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ 68 މީހުން. ޖުމްލަ ވަނީ 100. ބާކީ 92 މީހުން ކޮބާހޭ؟؟؟؟؟؟

 2. ލިލީ

  އަދުރޭގެ ހިސާބު 😂😂

  5
  1
 3. ޗޮމްސް

  މިހެން މިގޮތަށް ތަފާސް ހިސާބު ގެނެސްދެނީ މުޅިންވެސް އޮޅުވާލަން. ދެ ޑޯޒުޖެހީ އާބާދީގެ ކިތަށް ޕަސަންޓު މީހުންތޯ އަދި އެއްވެސް ޑޯޒެއް ނުޖަހަނީ ކިތަށް ޕަސަންޓުތޯ؟ އާބާދީގެ ބޮޑުބައި ދެޑޯޒު ފުރިހަމަ ނުކުރޭ. ދެން ކޮވިޑުގައި ވިޔަސް ކޮވިޑު ނުޖެހި ވިޔަސް ގިނައިން މަރުވާނީ ދެޑޯޒު ފުރިހަމަ ނުކުރާ މީހުންތާ.

 4. ކޮރަލް

  ކޮވިޑް ވެކްސިން ހިލޭ ޖެހި ދިވެހީންނާ ބިދޭސީންގެ ޖުމްލަ އަދަދު ވަކިވަކީން ހާމަ ކޮށްލަ ބަލާށެވެ. ހަގީގަތް އެނގޭނެ އެވެ. ދެން ބިދޭސީން ނާ ދިވެހީންގެ މަރުވާ އަދަުތައް ވެސް ހާމަ ކޮށްލަ ބަލާށެވެ.

 5. އަމީޒާ

  117 މީހުން 1 ދޯޒް ޖެހި ފަހުން މަރުވެފައިވޭ.

  1
  1
 6. އަރީ

  މާނައީ ވެކްސިން ޖެހި މީހުންގެ ނިސްބަތުން މަރުވި މީހުންވެސް އިތުރޭ.

 7. ....

  އޭގެން އެނގޭ އެއްޗަކީ ގިނަ މީހުން ފުރަތަމަ ޑޯޒް ވެސް ނުޖަހާކަން....ވެކްސިން ޖެހި ގިނަ މީހުންނަކީ ރާއްޖޭގައި އުޅޭ ބޭރު މީހުންް...ދިވެހިން ގެ އާބާދީގެ ހަތަރު ބައި ކޮށްފަ އެއބައިވެސް ވެކްސިން ނުޖަހާ....

 8. ދިވެހިސޮރު

  ނަމަވެސް، ނިޔާވި މީހުން ޖެހީ ވެކްސިންގެ ކޮން ވައްތަރެއް ކަމެއް އެޗްއީއޯސީން ހާމައެއް ނުކުރެއެވެ. މީ ވަރަށް މުހިންމު މަޢުލޫމާތެއް. މީދޯ ވެކްސިންގެ ބޭނުމަކީ ކީއްވެތޯ އެމަޢުލޫމަތު ސިއްރުކުރަނީ

  15
 9. ސިއްރު

  65 އަހަރުން މަތީ ވެކްސިންޖެހި ޕަސެންޓް ކީވެ ހާމަނުކުރަނީ، އެޗްޕީއޭއަށް އިތުބާރުކުރާ މީހުންގެ ޕަސެންޓްވެސް