ފިޝަރީޒް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައިވާ ޑރ. ހުސައިން ރަޝީދު ހަސަނަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފިޝަރީޒް މިނިސްޓަރުގެ މަގާމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އައްޔަން ކުރެއްވުމަށްފަހު، ގާނޫނުއަސާސީގައި އޮންނަ ގޮތުގެ މަތިން މަޖިލީހުގެ ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މައްސަލަ ދިރާސާ ކުރަން ފޮނުވިއިރު، އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުންފުންޏެއްގައި ހުސައިންގެ ޚިއްސާއެއް އޮތުމުން މަގާމުގެ ހުވައާ މެދު ސުވާލު އުފައްދަވައިފައެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރު ކަމުގައި ހުންނަވާއިރު ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.

ޑރ. ހުސެއިންގެ މައްސަލަ ބެލިއިރު، އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔުންތަކެއްގައި އޭނާ އަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝެއާ ހޯލްޑަރެއް ކަމަށް ބަޔާންކޮށްފައިވާ ކަމުގެ މައްސަލަ ފެންމަތިވެ، އެ މަސައްކަތް ދިގުދެމިގެން ގޮސްފައިވެއެވެ.

އެހެންނަމަވެސް އެ މައްސަލައިގައި އެޓާނީ ޖެނަރަލްގެ ލަފާ ހޯދައި، މައްސަލަ ރަނގަޅަށް ސާފު ކުރުމަށް ފަހު ވަނީ ޑރ. ހުސައިނަށް ރުހުން ދޭން މިއަދު ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސް ކޮށްފައިވަނީ އޭނާ މަގާމަށް ޝަރުތު ހަމަވާ ކަމަށް ބުނެ ކޮމިޓީއަށް ހާޒިރުވެ ތިއްބިެވި މެމްބަރުންގެ އިއްތިފާގުންނެވެ.