ސިޔާސީ ފަރާތްތައް މިނިވަން ކުރުމަަށާއި އިދިކޮޅު ލީޑަރުންނާއިއެކު އިޚްލާސްތެރިކަމާއިއެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރަށް ވިލާތުގެ އިއްތިޙާދުން ގޮވާލައިފިއެވެ.

އީޔޫއިން މިކަމަށް ގޮވާލާފައިވަނީ މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 38 ވަނަ އާއްމު ބައްދަލުވުމުގައި އީޔޫގެ ފަރާތުން ހުށަހެޅި ބަޔާނުގައެވެ.

"ރާއްޖޭގައި ޑިމޮކްރަސީއަށާއި އަސާސީ ހައްޤުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބިރުވެރިކަމާއިމެދު އީޔޫ އިން އިންތިހާއަށް ކަންބޮޑުވޭ" މި ބަޔާނުގައިވެއެވެ.

ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ ސިޔާސީ އިދިކޮޅު ލީޑަރުންނާއި މަޝްވަރާކޮށްގެން މިނިވަން، އިންސާފުވެރި އިންތިޚާބެއް މިއަހަރު ބޭއްވުމަށެވެ.

އީޔޫއިން މީގެކުރިންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އީޔޫއިން ދިވެހި ދައުލަތުގެ ދަޢުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްޤު ލިބިދޭ ގޮތަށް ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިޚާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާޢަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ހަމަ އެހެންމެ، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން އުޅޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ ޤަރާރުގައި އެކަން ކުށްވެރިކޮށްފައިވެ އެވެ.

ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެ ޤަރާރުގައި ވަނީ ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ މިހާރުގެ ޙާލަތު ބަދަލުކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢ ރަސީދު

    އެއްމެ ފުރަތަމަ ތިބުނާ އީޔޫ ގެމައްސަލަ ހައްލުބޭތޯ ބެލިއްލާާރަހަޅުވާނެ

  2. އާބިދާ

    ޢާނ މިދަނީ ދޫކޮއްލަން، ނުބުނެގެން މިހުރީ

  3. ނައިންޓީ

    އީޔޫ އަކީ ދުނިޔޭގަ ގައުމެއްގަ ބަޔަކު ނުކިޔަމަންތެރިކަން ދައްކާނަމަ އެބަޔަކަށް (އެތަނެއްގަ އޮތް ސަރުކާރަކާދެކޮޅަށް) ތަރުޙީބުދީ ހަދަން ޖެހޭ ބައެއް ނޫން. ފުރަތަމަ އީޔޫ ގެ ޒިންމާ އާއި މަސްޢޫލިއްޔަތު އަދާކުރޭ. އެއްވެސް ގައުމެއްގެ ދާޚިލީ ކަންކަމަށް ބޯ ނުބާނާ.

  4. Anonymous

    އީޔޫ ކުދިންނޭ. ސިޔާސީ ޕާޓީއެއްގަ ހުރުމަކީ ކުށްކޮށްފަ އަދަބު ނުލިބުމުގެ އިމްތިޔާޒު އޮތް މަގާމެއް ނޫނޭ. މިގައުމުގަ ޖަލުތަކުގަ ތިބީ ދިވެހި ރާއްޖޭގެ ގާނޫނެއްގައި ކުށެއްކަމަށް ބުނެފައިވާ ކުށެއްކޮށްގެން ޖަލަށް ލާފަ ތިބި މީޙުން އެހެންވީމަ، ނޭނގޭ ވާހަކަ ނުދައްކާ މައިތިރިވެގެން ތިބެވޭތޯ ބަލާ.

  5. Anonymous

    މިމީހުންނަކާ ކޮންބެހޭ ކަމެއް. މިގައުމުގެ ގާނޫނުގެ ދަށުން މިގައުމުގެ ކޯޓަކުން ހުކުމް ކުރުމުން ޖަލަށް ލަނީ. ކުށެއް ކުރުމުން އެއީ ސިޔާސީ މީހެއްތޯ އުމުރުން 75 އަހަރުގެ މީހެއްތޯ ނުވަތަ އެއީ ވެރިމީހާގެ ތިމާގެ މީހެއްތޯ އަތްބެއްތޯ ދަރިއެއްތޯ ނުބަލާ. ކުށް ކުރުމުން ކުށުގެ އަދަބު ލިބޭ. ގާނޫނުގެ މައެއްބަފައެއް ދަރިއެއް ނުހުރޭ އަދި އުމުރެއްވެސް ނޯވޭ.

  6. އަބްދުއްލާ

    ރަސްމީކޮށް ދީން ބަދަލުކުރެވެން އަންނަނީ އީޔޫން އެބުނާގޮތަށް ގާނޫނުތަކަށް އިސްލާހު ގެނެސް ދިނުމުންނޯ .އެއީ ރާއްޖޭ ގެ ފުރަތަމަ ކްރިސްޓިއަން ކަމުގާ ރަޖިސްޓްރީ ވުމުގެ ސަރަފު ވެސް އޭރުން ލިބޭނެޔޯ ؟ދެން އިންތިހާބަށްކުރިމަތިލައިގެނ ހޮވިގެން ފުރަތަމަ ކްރިސްޓިއަން މޯލްޑިވެސް ރައީސަކަށް ވެވޭނެ ކަމުގެ އުއްމީދު ވެސް އެބައޮތޯ ބުނިމީހުން އީޔޫ ގަ ބުނެގެން އުޅެނީ އެހެން ނޯ .

  7. Anonymous

    ބެހޭކަމެއްނޫން

  8. ވައި ޔޫ

    ކޮންތާކުތިބި ސިޔާސީ ބައެއްތަ..؟މިރާއްޖެޔަކީ މިއީ ސިޔާސީމީހުން އުޅޭ ގައުމެއްނޫން...މި ތަނުގައި އުޅެނީ ހޮސްޕިޓާލިޓީ މީހުން..!