ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާލެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ދިޔަ ނަމަވެސް އަދި ވެސް އަތޮޅުތެރޭގެ ހާލަތު އޮތީ ނުރައްކާކޮށެވެ. ހާއްސަކޮށް ގދ.ތިނަދުއާއި ގައްދޫން ގިނަ ބަޔަކު އަންނަނީ ފައްސިވަމުންނެވެ.

މިއަދު ރާއްޖެ އިން ޖުމްލަ 295 މީހުން ކޮވިޑަށް ފައްސިވިއިރު މިއަދަކީ ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ވެސް މާލެ އަށްވުރެ ގިނަ މީހުން އަތޮޅުތެރެއިން ފައްސިވި ފުރަތަމަ ދުވަހެވެ.

މިއަދު މާލެ އިން ފައްސިވީ 138 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 146 މީހުން ފައްސިވިއެވެ. ހިންގަމުންދާ ރިސޯޓްތަކުން މިއަދު 11 މީހުން ފައްސިވިއެވެ.

މިއަދު ކޮވިޑަށް 4736 މީހުން ޓެސްޓް ކުރިއެވެ. އެހެންކަމުން މިއަދު ކޮވިޑަށް ފައްސިވީ ޓެސްޓް ކުރި މީހުންގެ ތެރެއިން %6 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނިސްބަތުން އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިހާރު ރާއްޖޭގައި ތިބި ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 13071 އަށް މަދުވެފައެވެ. މިއީ ކޮވިޑް ބަލި މީހުންގެ އަދަދު މެއި މަހުގެ 12 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 111 މީހުންނެވެ. މިއަދަކީ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.