ހުޅުމާލޭގެ ގަރާޖެއްގައި ހުރި ޓެކްނީޝަނަކަށް ހަމަލާ ދިން މީހުން ނޫސްވެރިންގެ ފޭކް ފާސްތަކެއް އަޅައިގެން ތިބިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އެގޮތަށް ވިދާޅުވާއިރު މި މާރާމާރީ ހިންގި މީހުން ނޫސްވެރިންގެ ފޭކް ފާސްތަކެއް އަޅާގެން ތިބި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އަދި މި މާރާމާރީގައި ދެމީހެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް އެ މީޑިއާތަކުން ރިޕޯޓް ކުރެެއެވެ.

ނަމަވެސް މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ސީންއަށް ދިޔަ ފުލުހުންނަށް ނޫސްވެރިންގެ ފާސް އަޅާގެން ތިބި ބައެއް އެ ސަރަހައްދުން ފާހަގަވެފައި ނުވާ ކަމަށެވެ. އަދި އެއްވެސް މީހަކު މިހާތަނަށް އައިއިރު ހައްޔަރު ކުރެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އިއްޔަ ހަވީރު 06:25 ގައި ހިނގި މި ހަމަނުޖެހުމުގައި ހަ މީހުންގެ ގުރޫޕެއް އެ ގަރާޖަށް އައީ ނޫސްވެރިންގެ ފާސްތަކެއް އަޅައިގެން ކަމަށް އެ ގަރާޖުގެ ވެރިފަރާތުން ބުނެއެވެ. އަދި އެމީހުން އައީ ޖީއެން ސައިކަލެއް ސާވިސް ކުރަން ކަމަށާއި ފުރަތަމަ ސައިކަލް ސާވިސްކޮށް ނިމުމުން ދެވަނަ ސައިކަލް ސާވިސް ކުރުމަށްފަހު ފައިސާ ދައްކާނެ ކަމުގައި ބުނި ކަމަށްވެއެވެ.

އެ ސައިކަލް ސާވިސްކޮށް ނިމުމުން ފައިސާ ދައްކަން ދެކޮޅު ހަދާ އެތަނުގައި އެވަގުތު ހުރި ބިދޭސީ ޓެކްނީޝަނަށް ދަގަނޑު ބުރިއަކުން ހަމަލާ ދިން ކަމަށް ގަރާޖުގެ ވެރިމީހާ ބުނެއެވެ.

މި މައްސަލަ ވަނީ މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އައިސްފައެވެ.

މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ "ވަގުތު" އަށް ވިދާާޅުވީ މާރާމާރީ ހިންގި މީހުން ފޭކް ފާސްތަކެއް ގެންގުޅޭ ނަމަ އެއީ ކަންބޮޑުވަން ޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ސަލާމަތްވުމަށް މީޑީއާ ކައުންސިލުން ފާސް ދޫކޮށްފައިވާ ފަރާތްތަކުގެ މަައުލޫމާތު މިހާރު ފުލުހުންނާ ހިއްސާކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.