އޮސްޓްރޭލިއާ އެވޯޑްސް ސްކޯލާޝިޕްގެ ދަށުން ރާއްޖެއަށް ދެމުންދާ ފުރުސަތުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު ޑޭވިޑް ހޯލީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި އިތުރު އެއް ފުލް ސްކޮލަޝިޕް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށް ދިނުމަށާއި، އޮސްޓްރޭލިއާ އެވޯޑްސް އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކާއެކު ޕާޓްނާޝިޕް ޕްރޮގްރާމްއެއްގެ ދަށުން ޔުނިވާސިޓީތަކުން ޓިއުޝަން ފީ ހިލޭ ވުމުން ދިވެހި ސަރުކާރުން ދަރިވަރުންގެ ލިވިންގް އެލަވަންސްއަށް ހަރަދު ކުރާގޮތަށް ޕްރޮގްރާމްއެއް ފެށުމަށް މަޝްވަރާކުރެވުނު ކަމަަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަދި އޮސްޓްރޭލިއާ ޔުނިވާސިޓިތަކުގައި ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތުތައް ޕްރޮމޯޓް ކުރުމަށް އެޑިޔުކޭޝަން ފެއާ އެއް ބޭއްވުމާއި ބެހޭގޮތުންނާއި ކޮވިޑް ގެ ހާލަތް މެދުވެރިވުމާއިއެކު ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ ބޭނުންތެރިކަން ފާހަގަވެފައިވުމާއެކު، މި ދާއިރާއިން ގްރޫޕް ޓްރެއިނިންގްތައް ހެދުމަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުގައި ހުރި ފުރުސަތުތައް ބަލައިދިނުމަށް މަޝްވަރާ ކުރެވެނުވެ.

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއާ މެދު އަބަދުވެސް ބަހައްޓަވާ ގާތްކަމާއި އޮސްޓްރޭލިއާއިން އަބަދުވެސް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާއިން ކުރިއެރުންތައް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚަމީރާ

    މިނިސްޓަރ ބައްލަވާ ޕީއެޗްޑީ ސޮކޮލަޝިޕް ފުރުސަތު އަލުން ހޯއްދަވާދެއްވަބަލަ.. އެންޑިވަރ ވެސް މިހާރު ނޯއްނާތީ ޕީއެޗްޑީ ކިޔަވާ ހިތްވެފަ ފުރުސަތު ނުލިބި އެތައްބަޔަކު..އަޑުއެހިން މަނިކުފާނު ބޭނުންފުޅު ނުވަނީއޭ ޕީއެޗްޑީ ގިނަ ކުރަން..މާސްޓާރސް ގިނަ އަދަދެއް އެހަރަދުގަ ކިޔަވާދެވޭތީ ސްޓެޓިސްޓިކްސް އިން ގިނައަދަދު ދައްކާލެވޭނެތީވެ..އެހެން ނުހައްދަވާ..މިހާރު ފުރުސަތު އަދި ކެޕޭސިޓީވެސް ނެތީ ޕީއެޗްޑީ ފުރުސަރު ރާއްޖޭގައި..ހަގީގީ ކުރިއެރުން ލިބޭނީ ޕީއެޗްޑީ ފުރުސަތުވެސް ހޯއްދަވައިދެއްވީމަ ..މިހާރު ތިއްބެވި ޑޮކްޓަރުން އިންސެކިޔުރ ނުވެ އާޖީލާ ދޭތެރޭ ވިސްނަވާ .. މަނިކުފާނުގެ ދައުރުގަ މިވެނި އަދަދަށް ފުރުސަތު ހޯއްދަވައިދެއްވީމޭ ބުނެލާއިރު އޭގައި ޕީއެޗްޑީ ދަރިވަރުންވެސް އުފެއްދެވީމޭ ބުނެލެވޭނެ ވަރުކޮށްލަދޭންވީ ނޫންތޯ؟