ކޮވިޑް-19 ޖެހިގެން ލ.އަތޮޅުން މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލ.ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ 92 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ލ.ހިިތަދުއަށް ނިސްބަތްވާ މީހެކެވެ.

މިއީ ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ނިޔާވި ފަސްވަނަ މީހާއެވެ. އަދި ލ.އަތޮޅުން ކޮވިޑް ޖެހިގެން ނިޔާވި ހަވަނަ މީހާއެވެ. ލ.އަތޮޅުން ކޮވިޑް ޖެހުނު އަންހެނަކަށް ގަމުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައި ފަހުން ވެސް ނިޔާވެފައިވެއެވެ.

މާލެ ފިޔަވައި ކޮވިޑް ބަލި މީހުން އެންމެ ގިނައިން ނިޔާވެފައި ވަނީ ލ.އަތޮޅުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 194 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ކޮވިޑް ޖެހިގެން އަދިވެސް ގިނަ ބަޔަކު އަންނަނީ ނިޔާވަމުންނެވެ. މިމަހުގެ އެވްރެޖަށް ބަލާއިރު ވެސް ދުވާލަކު ދެމީހުން އަންނަނީ ކޮވިޑް ޖެހިގެން ނިޔާވަމުންނެވެ.

އިއްޔެ އިރުއޮއްސުމާއި ހަމައަށް ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 13071 އަށް މަދުވެފައެވެ. އިއްޔެ އަކީ ކޮވިޑް ބަލި މީހުންގެ އަދަދު މެއި މަހުގެ 12 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން އިއްޔެ އާއި ހަމައަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 111 މީހުންނެވެ. އިއްޔެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު