ކޮވިޑް-19ގެ ވޭދަނަތައް ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި އެކު ޅ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެވި، ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، އެ އުސޫލާއި ހިލާފަށް އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުން އެއްވުމެއް ބޭއްވި މައްސަލަ ހޫނުވެ އެ ރަށު ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފަތިހު 4:00 ކަށް ކާފިއު އިއުލާނުކޮށްފައިވާ ނައިފަރުގައި ތިން މީހުންނަށް ވުރެ ގިނައިން އެއްތަނަކަށް އެއްވުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އިއްޔަ ހަވީރުގެ ވަގުތެއްގައި އެރަށު ވެލާ ބީޗުގައި ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް އެއްވުމެއް ބާއްވާފައިވާ ފޮޓޯތަކެއް މީސްމީޑިޔާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ޅ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ރިސެޕްޝަންގައި މަސައްކަތް ކުރާ މީހުން، އެމީހުންގެ ދަރިންކޮޅު ގޮވައިގެން ބީޗުގައި ކާން ތިބޭ ތަނެވެ. އަދި ފޮޓޯތަކުން ފެންނަ ގޮތުގައި ގައިދުރުކުރުމެއް ނެތި ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެފައިވާއިރު ގިނަ މީހުން ތިބީ މާސްކުވެސް ނާޅައެވެ.

މިފަދަ އެއްވުމެއް ހޮސްޕިޓަލްގެ މުވައްޒަފުން ބޭއްވުމާއި ގުޅިގެން އެރަށު ގިނަ ބަޔެއްގެ ފާޑުކިޔުން އެ އިދާރާއަށް އަމާޒުވެގެން ދިޔައެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރީ ސަފުގައި މަސައްކަތް އިދާރާއެއްގެ މުވައްޒަފުން "ރައްޔިތުން ގޭގައި ބޭތިއްބުމަށްފަހު، އުސޫލުތަކާއި ހިލާފަށް ޕާޓީ ބާއްވަމުން ދާކަަށް" ބުނެ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

މިގޮތުން އެރަށު ޒުވާނެއް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހޮޓާ ރެސްޓޯރެންޓްތަކާއި ކުޅިވަރު ދަނޑުތައް ބަންދުކުރުމަށްފަހު މުޅި ރަށުގައި ކާފިއު ހިންގަމުން އަންނަ ދަނޑިވަޅެއްގައި މިފަދަ މަންޒަރެއް ފެނިގެން ދިއުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްވެސް އޮންލައިން ކޮށްފައި ވަނިކޮށް ކާފިއު ގަޑީގައި ބޭއްވި މި އެއްވުމުގައި ބައިވެރިވި ހުރިހާ އެންމެނަނަށްވެސް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެމުން ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ ވިދާޅުވީ އެއީ ހޮސްޕިޓަލުން އިންތިޒާމް ކުރި އެއްވުމެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވުމެއް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަކަން އެނގިފައި ނުވާ ކަމަށާއި، އެ އެއްވުމުގައި ހޮސްޕިޓަލްގެ މުވައްޒަފަކު ބައިވެރިވެފައި ވީނަމަވެސް އެފަރާތާއި މެދު ތަފާތު ކުރުމެއް ނެތި ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

"ރަސްމީ ވަގުތުގެ ބޭރުން މުވައްޒަފުން ކުރާ ކަންކަމުގެ ޒިންމާ ހޮސްޕިޓަލަކުން ނުނަގާނަން. އެ އެއްވުން ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު އަޅުގަނޑަކަށް ލިބިފައެއް ނުވޭ. އެއީ ހޮސްޕިޓަލުން އިންތިޒާމް ކުރި އެއްވުމެއްވެސް ނޫން. އެކަމުގައި ބައިވެރިވެފައިވާ މުވައްޒަފުންނަށް ފިޔަވަޅު އެޅިގެން ދާނެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް މިހާރު ވަނީ ގެނެސްފައި" ޖައުފަރު ވިދާޅުވިއެވެ.

މާޗު މަހުގެ 23 ފެށިގެން މޮނިޓަރިންގައި ނައިފަރު އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ވާއިރު މި ނުރައްކާތެރި ބަލިމަޑުކަމުގައި ނައިފަރުން ހަތަރު މީހަކު ނިޔާވެފައިވެއެވެ. އަދި އެރަށުގައި ބަލި ޖެހުން މީހުންގެ ޖުމްލަ އަދަދު 897 އަށް އަރާފައިވާ އިރު 97 އިންސައްތަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އަދި އެރަށުގައި ކޮވިޑަށް ފައްސި 20 މީހުން ތިބި އިރު އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މީގެ ކުރިން 400 އަށް ވުރެ މައްޗަށް އަރާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާރިމް

    ޖައުފަރު ހުރެ ހޮސްޕިޓަލްތެރޭ އެއްވެ މުވައްޒަފުންނަށް ތިކަމަށް ހިތްވަރުދީފަ ސަލާމަތްވާން ނޫޅެ.

    14
    3
  2. ހުސޭނުބޭ

    އައްޗޭސް! ޗަކޮއިމެން އެހެން މީހުން ކަރަންޓީނުކޮށްފޭ ޗައުޅެނީ ނާޗަރަންގީ ކުލޭކައްނު!

  3. ޖައުބެ

    އަދިވެސް ބާއްވާނަން.. ދެންލަ.. ބޭނުން އެއްޗެއް ހަދާލާނީ ކަރަންޓިން އެއްވެސް ނުވާނަން.. ސަޅިދެއްކެން ހަމ ދުވާނީ.. މި ޖައުބެ...