މަތީ ކޯޓުތަކުގެ ނިންމުންތައް ނިންމާއިރު، ދަށު ކޯޓުގެ ގާޒީންނަށް ފާޑުކިޔުން އަމާޒު ނުވާ ގޮތަށް މައްސަލަތައް ނިންމުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެދިވަޑައިގެންފިއެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ މި އަހަރުގެ ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މުއުތަސިމް ވިދާޅުވީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބިނާ ވާން ޖެހޭނީ ދަށު މަރުހަލާއިން ކަނޑައެޅި މައްސަލައިގެ ވާގިއާތުތަކަށާއި ގާނޫނުތަކަށް ކަމަށެވެ.

އަދި މައްސަލަ ބަލާއިރު ނުވަތަ ހުކުމް ކުރާއިރު، އެ މައްސަލައެއް ނިންމި ދަށު މަރުހަލާގެ ކޯޓުގެ ފަނޑިޔާރަށް އިނގިލި ދިއްކުރެވޭނެ ހާލަތްތަކުން ދުރުވުމަށް މަތީ މަރުހަލާތަކުގެ ފަނޑިޔާރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަނެފައިވެއެވެ.

"އިއްޒަތްތެރި ފަނޑިޔާރުން އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ އެއް ކަމަކީ، މަތީ ކޯޓުތަކުގައި ބާއްވާ ޝަރީއަތްތަކުގައި ނުވަތަ އިއްވާ ހުކުމްތަކުގައި ދަށު މަރުހަލާގެ ކޯޓުތަކުގެ ނިންމުން ނިންމި ފަނޑިޔާރަށް އިނގި ދިއްކުރެވޭ ގޮތަށް މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ބިނާވިޔަ ނުދިނުން." މުއުތަސިމް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ ސުޕްރީމް ކޯޓާއި ހައި ކޯޓުން މި ފަހުން ލޭންޑް މާކް ގިނަ މައްސަލަތަކެއް ނިންމާފައިވާކަން ފާހަގަކުރައްވަމުންނެވެ. މުއުތަސިމް ވަނީ މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ހުކުމްތައް ލިޔެ ތަރުތީބުކުރެވިފައި ހުންނަ ގޮތަށް ބަލާ ނަޒަރުކުރުމަަށް އިއުތިމާސްކުރައްވާފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބެލޭނެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރަމުން ގެންދާ ކަމަށެވެ.

ފަނޑިޔާރުންނަކީ ހާއްސަ ސިފަތަކެއް ހުންނަންވާނެ ބައެއްކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ ފަނޑިޔާރުން މުޖުތަަމައު ބަލައިގަންނަ ބަޔަކަށް ވެގެން ނޫނީ ހުށަހެޅޭ މައްސަލަތަކުގައި އަދުލު އިންސާފު ގާއިމް ކުރެވުނުކަމުގެ އިހްސާސް ރައްޔިތުންނަށް ނުކުރެވޭނެ ކަމަށެވެ. އަދި މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރާއި އަޅާ ކިޔާއިރު 16 އިންސައްތަ ދަށަށް ގޮސްފައިވާކަމާއި، ނިންމި މައްސަލަތަކުގެ އަދަދު ވެސް 26 ޕަސެންތް ދަށަށް ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒަމީ

    ބޭއިންސާފުން ޙުކުމް އިއްވައި ހިތައްއެރިހައިގޮތަކަށް ޝަރީޢަތްތައްކޮށް ހެކިންގެގޮތުގައި ފާސިގުންގެ ހެކިބަސްނަގައިގެން ޝަރީޢަތްކުރަންޏާ އެއްވެސް ފާޑެއްނުކިޔޭނެދޯ؟

  2. މިތުރު

    އަދުލުއިންސާފު ހޯދާދެވުނުކަމަށް ޤަބޫފުޅު ކުރައްވަންތޯ؟؟؟ ޖުޑީޝަރީގެ އާދައިގެ މުވައްޒަފުންގެ އެތައް ޙައްޤެއް ނުލިބޭ. ޙައްޤުވެފައިވާ މަޤާމުގެ ކުރިއެރުން ނުލިބޭތާ ތިންއަހަރުމިވަނީ. ތިބޭފުޅުންގެ ފަރާތުން ކުރަންޖެހޭ ކަންކަން ނުކޮށްހުރުމުގެ ސަބަބުން މުވައްޒަފުން ބިކަަމުންމިދަނީ.

  3. ނާޅި

    ޖޭއެސްސީން ފަޑިޔާރުންނާއި މެދުގައި ބޭއިންސާފުން ކަންކުރަމުން ދާއިރުވެސް މަނިކުފާނު ހަމަ އެއްޗެއް ވިދާޅުނުވެ ހަނުހުންނަވަނީ ކީއްވެތޯ ؟

  4. ނާޅި

    ފަޑިޔާރުން ޖޭއެސްސީ ދެކެ ބިރުން ތިބެ ހުކު މް ކުރީ މަކާ އަދުލު އިންސާފު ޤާއި މު ކުރެވުނީކަ މުގައި ބެލެވިދާނެތޯ ؟