މާފުށީ ޖަލުގައި ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި ހަމަނުޖެހުން ހިންގައި ގައިދީންނަށް އަނިޔާވެފައިވާ ކަމަށް ބުނެ ފަތުރާ ވާހަތަކައް ކަރެކްޝަންސް އިން ދޮގުކޮށްފިއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު މާލޭގައި ހިނގި ބޮންގޮއްވުމުގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން މާފުށި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.

އެ އޮޕަރޭޝަންގައި ހަމަނުޖެހުން ހިނގައި ޓޭޒާ ގަން ބޭނުންކުރުމުގެ ސަބަބުން ބަންދުގައި ތިބި މީހުނަށް އަނިޔާވެފައިވާ ކަމަށް ބުނެ ހަބަރުތަކެއް ދަނީ ދައުރުކުރުވަމުންނެވެ.

އެކަމާއި ގުޅޭ ގޮތުން ކަރެކްޝަންސްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އޮޕަރޭޝަން ވެސް ކުރިޔަށް ދަނީ ވަރަށް ރަނގަޅަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއެކު ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަނީ ވަރުގަދަ ކޮށްފައެވެ. ނަޝީދަށް ހަމަލާދިން މީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮތް ބައެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލޭގެ އިތުރުން ރަށްރަށުގެ ބައެއް ތަންތަން ފާސްކޮށް ހަރުކަށި ފިކުރުގެ ތުހުމަތައް ފުލުހުންގެ ބެލުމުގެ ދަަށަށް ގިނަ ބަޔަކު ވަނީ ގެންގޮސްފައެވެ.

ހަރުކަށި ފިކުރުގެ މީހުން ދަނީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެއްވެސް ބިރެއް ނެތި މީހުން މަރަލާން ފަސް ނުޖެހޭ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށް، ހަރުކަށި ފިކުރު ގޮސްފައި އޮތް ހާލަތު ބަޔާންކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެންސީޓީސީން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުންނަމަ އާބާދީގެ ނިސްބަތުން ބޭރު ގައުމުތަކުގެ ހިނގާ ދާހިލީ ހަނގުރާމަތަކުގައި އެންމެ ގިނައިން ބައިވެރިވަނީ ދިވެހިންނެވެ. އެ ތަންތަނުން ގެންނަ މީހުން ރިހެބިލިޓެޓްކުރަން ސަރުކާރުން ވަނީ މަރުކަޒެއްވެސް ގާއިމްކޮށްފައެވެ.