ހދ. ކުޅުދުއްފުށިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން މިފަހަކުން މީހަކު ކޮވިޑަށް ފައްސިވެފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެރަށުން ފައްސިވެފައި ވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެ ވޭދަނައާ ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެެވެ.

އެ ދުވަހު ފައްސި ވެފައިވަނީ މާލޭ ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރަމުން އަންނަ 45 އަހަރުގެ ފިރިހެނެކެވެ.

އެރަށު ހޮސްޕިޓަލުން ވިދާޅުވީ، އެރަށު އިތުރު 10 މީހަކު މިހާރު ފައްސިވެފައިވާ ކަމަށެވެ. އަދި ފައްސިވެފައި ވަނީ ސީކުއީން ބޯޓުން ފައްސިވި ފަޅުވެރިޔާއާ ގާތުން އެއްތާވި މީހުންގެ ތެރެއިން ހަ މީހަކާއި، ބަހާދަރު ބޯޓުން ނެގި ސުންކުތަކުގެ ތެރެއިން ހަތަރު މީހެއް ކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެރަަށު ހޮސްޕިޓަލުން ވިދާޅުވީ، ސީކުއީން ބޯޓުގެ އިހަލުން މިހާތަނަށް ނުވަ މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި 69 މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި، އެ ވޭދަނަތަކާއި ގުޅިގެން 28 ގެއެއް ކަރަންޓީން ކޮށްފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވެފައި ވެއެވެ.

އަދި މިވަގުތު އެރަށުގައި ޖުމްލަ 23 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވިއެވެ.

އަދި އެރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް މިއަދާއި މިރޭވެސް އެރަށުން ސުންކު ނަގާނެ ކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު