ކޮވިޑާއި ގުޅިގެން އޮންލައިންކޮށް ޝަރިއްޔަތްތަކުގެ އަޑުއެހުންތައް ގެންދާއިރު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ އިންޓަނެޓުގެ ދުވެލި ލަސްވުން ކަމަށް ބުނެ ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުން ޝަކުވާކޮށްފިއެވެ.

މިއަދު ބޭއްވި ފަނޑިޔާރުންގެ އަހަރީ ޖަލްސާގައި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ވަނީ މެޖިސްޓްރޭޓު ކޯޓުތަކަށް ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް 5 ޒޯނަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ގެންދިޔައިރު، ފަސް ޒޯނު ތަމްސީލުކުރެއްވި ހުރިހާ އިސް މެޖިސްޓްރޭޓުންވެސް ވަނީ އިންޓަނެޓުގެ މައްސަލަ ފާހަގަކުރައްވާފައެވެ.

ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އިބްރާހިމް އިހްސާން ވިދާޅުވީ އޮންލައިންކޮށް ބާއްވާ ޝަރީއަތްތަކުގައި އަޑާއި މަންޒަރު ލިބުން ދަތިވާ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގަން ދަތިވާ ކަމަށެވެ.

ތ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ހަސަން ޒަހީން ވިދާޅުވީ އިންޓަނެޓް ސްލޯކަމުން ކޯޓުގެ މަސައްކަތްތަކަށް ބުރޫ އަރާ ކަމަށެވެ. އަދި އޮންލައިންކޮށް ޝަރީއަތް ހިންގުމާއި އެހެނިހެން މަސައްކަތްތައް ކުރަން ދަތިވާ ކަމަށެވެ.

ރ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު މުހައްމަދު ސޯދިގު ވަނީ މީގެ ކުރިންވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން ފަނޑިޔާރުންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް، މެޖިސްޓްރޭޓުން ފާހަގަކުރާ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާ ކަން ފާހަގަކުރައްވާފައެވެ.

އިންޓަނެޓްގެ ކަންބޮޑުވުމުގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި މެޖިސްޓްރޭޓުން ވަނީ ރަށްތަކުގެ ކޯޓުތަކުގައި ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަމުގެ އިތުރުން މުވައްޒަފުން މަދުކަމުގެ ޝަކުވާ ކުރައްވާފައެވެ. އަދި ބައެއް ރަށްރަށުގެ ކޯޓުތަކުގެ އިމާރާތްތައް ބާވުމާއި، ކައުންސިލާ އެއް އިމާރާތެއްގައި ކޯޓު ހިންގަން ޖެހުމުން އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައިވެއެވެ.

އިންޓަނޭޓް މައްސަލާގައި ގިނަ މެޖިސްޓްރޭޓުން ޝަކުވާ ކުރެއްވިއިރު، ސަރުކާރުން މިދިޔަ މަހު ވަނީ އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސް އެ އަގުތައް އިއުލާން ކޮށްފައެވެ. މިގޮތުން، މި ބަދަލުތަކާއި އެކު ފިކްސްޑް ބްރޯޑްބޭންޑް ރެޒިޑެންޝިއަލް އިންޓާނެޓް ޕެކޭޖްތަކުގެ އަގުތައް ތިރީސް ޕަސަންޓް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ތްރޮޓަލް ސްޕީޑު މަތިކުރަން ދިރާގާއި އުރީދޫ އެކު އެއްބަސްވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝްރެ

    ޓީޗަރުންވެސް އުޅެނީ އެހާ ހަލުގައި.. މެޖިސްޓްރޭޓުންނާ ޓީޗަރުންގެ މުސާރަނުބައްދަލު.

  2. ޑައިވަރޭ

    އަހަރުމެން ޑައިވަރުންގެވެސް ބޮޑު ޝަކުވާއެއް އިންޓަނެޓަކީ... ކަނޑުމަތީގައި ހާދަ ހާލެއްގައޭ އުޅެނީ... އެކަމަކު %100 ކަވަރޭޖޯ