ސަލާމަތީ ބާރުތަކުން ޖަލުގައި ހިންގާ އޮޕަރޭޝަން ގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު މާލޭގައި ހިނގި ބޮންގޮއްވުމުގެ ހަމަލާއާ ގުޅިގެން، ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން މާފުށި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ މިއަދު ފަށާފައެވެ.

އެ އޮޕަރޭޝަންގައި ހަމަނުޖެހުން ހިނގައި ޓޭޒާ ގަން ބޭނުންކުރުމުގެ ސަބަބުން ބަންދުގައި ތިބި މީހުނަށް އަނިޔާވެފައިވާ ކަމަށް ބުނެ ހަބަރުތަކެއް ދަނީ ދައުރުކުރުވަމުންނެވެ.

ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން ކަރެކްޝަނުން ވަނީ ދީފައެވެ.

އެކަމާއި ގުޅިގެން އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލަމުންދާ ކަމަށެވެ.

ޖަލުގައި ހިންގާ އޮޕަރޭޝަންތައް އިންސާނީ ހައްގުތައް ނުގެއްލޭ ގޮތަށް ހިންގުމަށް އެޗްއާރްސީއެމުން އިލްތިމާސްކުރެއެވެ.

އިންސާނީ ހައްގަކީ ކޮންމެ މީހަކަށް ލިބިގެންވާ ހައްގަކަށްވާއިރު ކަމާއި ބެހޭ މުއައްސަސާތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއެކު ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ވަނީ ވަރުގަދަ ކޮށްފައެވެ. ނަޝީދަށް ހަމަލާދިން މީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮތް ބައެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލޭގެ އިތުރުން ރަށްރަށުގެ ބައެއް ތަންތަން ފާސްކޮށް ހަރުކަށި ފިކުރުގެ ތުހުމަތައް ފުލުހުންގެ ބެލުމުގެ ދަަށަށް ގިނަ ބަޔަކު ވަނީ ގެންގޮސްފައެވެ.

ހަރުކަށި ފިކުރުގެ މީހުން ދަނީ ރާއްޖޭގައި ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. އެއްވެސް ބިރެއް ނެތި މީހުން މަރަލާން ފަސް ނުޖެހޭ އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށް، ހަރުކަށި ފިކުރު ގޮސްފައި އޮތް ހާލަތު ބަޔާންކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

އެންސީޓީސީން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުންނަމަ އާބާދީގެ ނިސްބަތުން ބޭރު ގައުމުތަކުގެ ހިނގާ ދާހިލީ ހަނގުރާމަތަކުގައި އެންމެ ގިނައިން ބައިވެރިވަނީ ދިވެހިންނެވެ. އެ ތަންތަނުން ގެންނަ މީހުން ރިހެބިލިޓެޓްކުރަން ސަރުކާރުން ވަނީ މަރުކަޒެއްވެސް ގާއިމްކޮށްފައެވެ.