މިއަދު ކުރިއަށް ދިޔަ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުންގެ އިންތިޚާބުގައި އައްޑޫ ސިޓީގެ އެމްޑީޕީ ކައުންސިލަރަކު ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ދެއްވި ކަން އެނގިއްޖެއެވެ.

އެލްޖީއޭ ބޯޑުގެ ސިޓީ ކައުންސިލަރުން ތަމްސީލް ކުރައްވާ މެންބަރު ކަމަށް ވާދަކުރެއްވީ މާލޭގެ މޭޔަރު މުއިއްޒުގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް (އިއްސެ) އެވެ.

މި އިންތިޚާބު އިއްސެ ކާމިޔާބު ކުރެއްވީ ސިޓީ ކައުންސިލްތަކުގެ 24 ކައުންސިލަރުންގެ ވޯޓުންނެވެ. މުއިއްޒަށް ލިބިވަޑައިގަތީ 21 ކައުންސިލަރުންގެ ވޯޓެވެ.

އެ ގޮތުން، އައްޑޫ ސިޓީ ކައުންސިލްގެ ވޯޓުގެ ނަތީޖާ އައިއިރު އެ ކައުންސިލްގެ ހަތް ކައުންސިލަރަކު މުއިއްޒަށް ވޯޓު ދެއްވާފައިވެއެވެ.

އެމްޑީޕީ ހަތް ކައުންސިލަރުންނާއި އަމިއްލަ ތިން ކައުންސިލަރުންނާއި ޕީޕީއެމްގެ ތިން ކައުންސިލަރުން ތިއްބެވި އެ ކައުންސިލުން މުއިއްޒަށް ހަތް ވޯޓު ލިބޭނީ އަމިއްލަ ކައުންސިލަރުންނާއި ޕީޕީއެމްގެ ކައުންސިލަރުންގެ އިތުރުން އެމްޑީޕީގެ ކައުންސިލަރަކު ވޯޓު ދެއްވައިގެނެވެ.

އެހެން ނަމަވެސް މިއީ ސިއްރު ވޯޓަކަށް ވާތީ މުއިއްޒަށް ވޯޓު ދެއްވީ ކޮން ކައުންސިލަރެއް ކަމެއް ނޭނގެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ - ފޮޓޯ: އައްޑޫ ސިޓީ ކައުްނސިލް

އެމްޑީޕީގެ ކައުންސިލަރަކު މުއިއްޒަށް ވޯޓު ދެއްވިކަން އެނގެން އޮތްއިރު، މިއީ އެމްޑީޕީން ނެރުނު ވިޕްލައިނާ ޚިލާފު ކަމެކެވެ. އެމްޑީޕީން ވަނީ އެ ޕާޓީގެ ކައުންސިލަރުންނަށް ވޯޓު ދިނުމަށް އަންގައި ޕާޓީގެ ކައުންސިލަރުންނަށް ވިޕްލައިނެއް ނެރެފައެވެ.

ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ ތެރޭގައި ގިނައީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. ސިޓީ ކައުންސިލްތަކުގައި އެމްޑީޕީގެ 25 ކައުންސިލަރުން ތިއްބަވާއިރު ފުވައްމުލައް މޭޔަރަށް ލިބިވަޑައިގަތީ އޭގެ އެއް ވޯޓު މަދުންނެވެ.

އައްޑޫގެ އިތުރުން ފުވައްމުލައް ސިޓީއާއި ހދ. ކުޅުދުއްފުށި ސިޓީގައި ވެސް އޮތީ އެމްޑީޕީގެ ކައުންސިލަރުންނެވެ. ކުޅުދުއްފުށި ސިޓީގެ ހަތް ކައުންސިލަރުންނަކީ އެމްޑީޕީ ކައުންސިލަރުންނެވެ. ފުވައްމުލައް ސިޓީގެ ހަތް ކައުންސިލަރުންގެ ތެރޭގައި އެމްޑީޕީގެ ފަސް ކައުންސިލަރުން ތިއްބަވައެވެ.

މާލެ ސިޓީގައި އޮތީ ޕީޕީއެމްގެ މެޖޯރިޓީއެވެ. މާލެ ސިޓީގައި ޕީޕީއެމްގެ 13 ކައުންސިލަރުން ތިއްބައެވެ. އެމްޑީޕީގެ ހަ ކައުންސިލަރުންނާއި ޖޭޕީގެ ކައުންސިލަރެއް ވެސް މާލެ ސިޓީ ކައުންސިލްގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްލު

    ތިމީހަކު ހޯދަން ވަރަށް ފަސޭހަ ވާނެ. ރަފީގް ހޮވިގެން އެންމެ ފުރަތަމަ މަރުހަބާ ކީ ނުވަތަ ޕޯސްޓް ޝެއަރ ކުރި ކައުންސިލަރ ހޯދާ. އެމީހަކީ ވޯޓް ވިއްކި ސޮރު. ޢަނެއްކާ 1 ބާއޭ ސުވާލަކީ. އަމިއްލަ ގޮތުން ހޮވިފަ އެބަތިބި ރަތްލާޖެހި އެމްޑީޕީ މީހުން. ޢެމީހުން ހިޔެއް ނުވޭ އެމްޑީޕީ ނޫން މީހަކަށް ދޭނެހެން

  2. ޣަލަތު

    ހަމަ ތިޔަ ގޮތަށް ޕީޕީއެމް ކައުންސިލަރުން އެމްޑީޕީ އަށް ވޯޓް ދީފަ އެމްޑީޕީ މެމްބަރުންގެ ތެރެއިން އިތުރަށްވެސް މުޢިއްޒަށް ވޯޓްދީފަ އޮތުންވެސް އެކަށީގެންވޭ ނޫންތޯ!.

    13
    1
  3. އަޅައަޅަ

    އެގޮތައް ދިންނަމަ ހޮވޭނެދޯ

  4. ޢބްދުއްﷲ

    އައްޑޫގެ އެމްޑީޕީ ކައުންސިލަރަކު މުއިއްޒަށް ވޯޓް ދެއްވައިފި

    3 ގަޑިއިރު ކުރިން ( ޖޫން 12, 2021 )

    އަދިވެސް ގާބިލް މީހަކާ ކަމެއް ހަވާލު ކުރާކަށް ނުވޭތޯ؟

    މީޖާހިލް މުރަށްކަބުންގެ ޤައުމެއް؟

    އެއްވެސް ދިމާލާލަކުން މިޤައުމަށް ހެވަކާލާބައެއް ލިބިގެންނުވަނީތޯ؟