ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ތިއްބަވާ ލޯކަލް ކައުންސިލަރުން ހޮވުމުގެ އިންތިޚާބުގައި ރަށު ކައުންސިލްތައް ތަމްސީލް ކުރައްވާ މެންބަރަށް ކ. ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު އިންތިޚާބު ވެއްޖެއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކައުންސިލަރު ޔާމީނަށް 416 ވޯޓު ލިބިވަޑައިގަތެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމްއަށް ލިބިވަޑައިގަތީ 414 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް ސިޓީ ކައުންސިލް ތަމްސީލް ކުރައްވާ މެންބަރަކަށް އިންތިޚާބުވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް (އިއްސެ) އެވެ. އެމްޑީޕީގެ މޭޔަރު އިއްސެއާ ވާދަކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެލްޖީއޭގެ ބޯޑުގައި އަތޮޅު ކައުންސިލްތައް ތަމްސީލް ކުރައްވާ މެންބަރުގެ މަގާމަށް ހޮވިފައި ވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލެވެ.

އެމްޑީޕީގެ ފަރާތުން އަތޮޅު ކައުންސިލް މެންބަރަށް ކުރިމަތިލެއްވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުގެ ކެންޑިޑެސީ ފޯމު ސުންގަޑިއަށް ވުރެ ލަހުން ހުށަހެޅުމުން ކަމަށް ބުނެ ބަލައެއް ނުގަނެއެވެ. ބަޝީރު ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފައެވެ.

އެލްޖީއޭގެ ބޯޑުގައި ތިއްބަވާ ކައުންސިލަރުންގެ ތެރޭގައި ތިއްބަވާނީ ޕީޕީއެމްގެ ދެ ކައުންސިލަރަކާއި އެމްޑީޕީގެ ކައުންސިލަރެކެވެ.