ހއ. ފިއްލަދޫގެ ގޯތި ދޫކުރި ސަރަހައްދުން ގިނަ އަދަދެއްގެ ގަބުރުތަކެއް ފެނިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ މެމްބަރު މުހައްމަދު މޫސާ ވިދާޅުވީ، މި ގަބުރުތައް ފެނިފައިވަނީ މީގެ ދެހަފްތާ ވަރު ކުރިން ނަރުދަމާގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ކޮނެގެން އުޅުމުގެ ތެރޭގައި ކަމަށެވެ.

މުހައްމަދު މޫސާ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެސަރަހައްދުގައި ހުރި ގޯއްޗަކުން ގަބުރުތަކެއް ވަނީ ފެނިފައެވެ. އޭރު ފެނިފައިވަނީ އިސްކޮޅުން ތަންކޮޅެއް ދިގު ދެމީހުންގެ ގަބުރު ކަމަށް މުހައްމަދު މޫސާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ފަހުން ފެނިފައިވަނީ މުސްލިމުން ވަޅުލާ ގޮތަށް ވަޅުލާފައިވާ 7 ނުވަތަ 8 ވަރަކަށް ގަބުރުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޮޅި ވަޅުލާން ވަޅު ކޮނެގެން އުޅުމުގެ ތެރޭގައި މި ފެނުނީ ހަމަ އެ ސަރަހައްދުން. ޖެހިޖެހިގެން 5 ވަރަކަށް ގަބުރު ވެސް ވަނީ ނަގާފައި" މުހައްމަދު މޫސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިން ފެނިފައިވާ ގަބުރުތައް ވެސް ސަހަރާގައި ވަޅުލި އުސޫލުން ފަހުން ފެނުނު ގަބުރުތައް ވެސް މިހާރު ގަބުރުސްތާނުގައި ވަޅުލާފައިވާ ކަމަށެވެ.

އެ ސަރަހައްދުން ގިނަ އަދަދަކަށް ގަބުރުތައް ފެނުމާއި ގުޅިގެން ކައުންސިލްގެ ވިސްނުން ހުރީ، އެސަރަހައްދު ކޮނެ ގަބުރުތައް ނެގުމަށް ކަމަށް މުހައްމަދު މޫސާ ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތް ކުރުމުގެ ކަންކަން ހަމަ ޖައްސަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިއްލަދޫން ގަބުރުތައް ފެނުމާއި ގުޅިގެން އަމަލު ކުރާނެ ގޮތަކާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށް ކަމާއި ބެހޭ އިދާރާތަކާއި ހިއްސާކޮށްފައިވާ ކަމަށް ވެސް މުހައްމަދު މޫސާ ވިދާޅުވިއެވެ.

ފިއްލަދޫން ގަބުރުތަކެއް ފެނިފައިވާއިރު، މީގެ ކުރިން ވިއްސާރަ މޫސުމުގައި އެރަށުގައި ފެންބޮޑުވާ ދުވަސްތަކުގައި ގަބުރުސްތާނުގައި ވަޅުލާފައިވާ ތިބީ ގަބުރުތައް ވެސް މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަ

  އެ ކިހިނެއް މައްޗަށް އަރަނީ ވާރޭވެހުނީމާ؟

 2. ގުދުގުދާބެއްޔާ

  ބަލަ މިތަންތަނުން ގޯތި އެރަށުގެ މީހުންނަށް ވެވޭނަމަ މާލޭ ސަރަހައްދުން މާލޭ މީހުންނަށް ގޯތި ނުދެވިގެން މިއުޅެނީ ކީއްވެބާ؟ ގާނޫނުގައި މާލެ ރަށްރަށުގެ މީހުން ހަމަހަމަ ވާނެ!

  3
  2
 3. ރަށުމީހާ

  މާލޭން ގޯތިލިބޭނެ ޖާގަ ނެތުމަކީ ރައްރަށުން މީހުން ދިރި އުޅޭން ގޯތި ނުދޭންވީ ސަބަބެއް ނޫން. ގާތްގަނޑަކަށް އެވްރެޖްކޮށް މުޅި މާލެ 7 ބުރިއަށް ނެގިފަވާ އިރު ، ކޮންމެ ގެއެއްގައި މާލޭ މީހުން ދިރި އުޅޭނަމަ ތަނެއް ހުސްނުވާނެ. އެސަބަބައް ވިސްނަމާ!