މާލެ ސިޓީ ކައުންސިލްގައި ތިއްބަވާ ޕީޕީއެމްގެ ކައުންސިލަރުންގެ ސޮޔާއެކު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާ ދެކޮޅަށް ބަޔާނެއް ނެރެފިއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގައި ވަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ ޖާގަ ހުޅުވާލަދޭ ގޮތަށް އޮތް ބިލެއް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އަދި ބިލު މިހާރު އޮތް ގޮތުން ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅިގެންދާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ބިލު މިހާރު އޮތް ގޮތުން އިސްލާމް ދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރާ ފަރާތްތަކުން އެ ކުރާ އަމަލާ ދެކޮޅަށް ވާހަކަ ދެކެވޭ މީހުން ކުށްވެރިކޮށް އަދަބު ދިނުމަށް ޖާގަ ލިބިގެން ދެއެވެ.

އެހެންވެގެން މި ބިލަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ތައާރަޒުވާ އަދި ގާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމުގައި ފެންނަ ކަމަށް މާލެ ސިޓީ ކައުންސިލްގެ އެ ބަޔާނުގައިވެއެވެ.

މި ބިލު އެ އޮތް ގޮތަށް ފާސް ނުކުރަން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މާލޭގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުންނަށް މާލެ ސިޓީގެ ކައުންސިލަރުންގެ ފަރާތުން އިލްތިމާސް ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ސޮއިކުރައްވާފައިވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނޭހެން މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްގެ 13 މެންބަރުން އެކަންޏެވެ. ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ ހަތް މެންބަރުން އެ ބަޔާނުގައި ސޮއިކުރައްވާފައެއް ނުވެއެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ މި ބިލާ ދެކޮޅުއިރު، ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް މި ބިލާ ދެކޮޅެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލު އެ އޮތް ގޮތަށް ފާސްކުރަން ތާއީދެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދެބޯ

    ޚަބަރުގައި ޕީޕީއެމް އޮތުމުން ހީވެދާނެ އެމްޑީޕީ ދެކެ އަންނަ ރުޅިން ކަމައް ކުއްވެރިކުރީ.
    ރައްޔިތުންނޭ! الله އާއި އެކަލާންގެ ރަސޫލާ އައް ފުރިހަމައައް ނަސްރު ދޭންޖެހޭ. ތައުހީދާ (މާތްالله އެއްކައުވަންތަކުރުމާ) އެއްވެސް ކަމެއް އެއްވަރެއް ނުކުރެވޭނެ
    މިއީ ކޮންމެ އިންސާނަކު އެކަމަކައް ދެކޮޅުހަދަން ޖެހޭ ކަމެއް. އެންމެން ނިމިދިއުން ވަނީ އެކަލާންގެ ހަޞުރަތައް.

    50
    1
  2. ބިރު ކުޑޭ

    އެއީ މި މީހުން އެންމެ ގިނައިން އެ ގޮތަށް ގޮ ވަނީ! ބިލު ފާސް ވެއްޖެނަމަ މި މީހުނަކަށް ނުގޮ ވޭނެތީ ވެ މުނާފިގު ބަޔާން ނެރުނީ ދޯ

    5
    36
  3. ޝައުގީ

    މާތް ރަސްކަލާނގެ އަދި އެކަލާނގެ ރަސޫލާއަށް ނިސްބަތްކޮއް ފުރައްސާރައިގެ ބަސް ބުނާ މީހުންނައް ރާއްޖޭގައި މަރުގެ ހުކުމް ކަނޑައަޅަންޖެހޭ. މިއީ ދުނިޔޭގައި އޮތް 100 ޕަސަންޓު މުސްލިމު މަދުގައުމުތަކުގެ ތެރެއިން އެއްގައުމު. ވީމާ މިގަމުގައި މިފަދަ އަމަލެއް ޓޮލަރޭޓް ނުކުރެވޭނެ.

    36
    2
  4. އިބްރާހިމް

    މާލޭ ސިޓީކައުންސިލުގެ އިސްނެންގެވުމަށް މަރުޙަބާ. ދިވެހިރާއްޖޭގެ ހުރިހައި ރަށަކުންވެސް މި ސަރުކާރުން ކުރަމުންދާ އިސްލާމްދީނާއި ދެކޮޅު ކަންކަމާއި އަދި އިންޑިޔާއަށް ރާއްޖެ އަޅުވެތިކުރުމަށް ކުރާމަސައްކަތާއި ދެކޮޅަށް ބަޔާންތަށް ނެރި ނުރުހުން ފާޅުކުރަންޖެހޭ. ލޯކަލް އިންތިޚާބުގައި އެމްޑީޕީ ފިކުރަށް ލިބިފައިވަނީ ވޯޓްގެ 44% އެވެ. މިއީ މައިނޯރިޓީއެވެ. އަދ މީގެތެރޭގައިވެސް ތިމާގެ ކަމަށްޓަކައި ރަށްރަށުން ޕީޕީއެމަށް ސަޕޯޓްކުރާ އެތަކެއްބަޔަކު އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓްދީފައިވާކަން ފާހަގަކުރަން.

    34
    1
  5. ވިސްނާ

    މިކަމުގައި ހަމައެކަނި މާލޭގެ ކައުންސެލަރުންގެސޮޔަށްނުބައްލަވާ އަޅުގަނޑުމެންނަށްވެސް
    ފުރުސަތުދެއްވާ މިހެންމިބުނީ ލާދީނީބިލާދެކޮޅަށް އަޅުގަޑުމެން ރާއްޖެތެރޭ ކައުންސެލަރުންނާ،
    އެނޫންފަރާތަކުންވެސް މިތިބީ އިސްލާމްދީނާ ފުށޫއަރާކަންކަމާދެކޮޅަށް ނިކުތުމަށް ތައްޔާރަށް
    މިއީ ރާއްޖެތެރެއާ، މާލެ ތަފާތުކުރެވީކަމަށްބައްލަވައިގެން ހުށަހެޅި ޚިޔާލެއްކަމަށް ނުބައްލަޥަ

    17
    1
  6. ކޮރަލް

    މުސްލިމަކު ބުނާ ބަހަކުން ނޫނީކުރާ ކަމަކުން ދީނުން ބޭރު ވެދާނެ އެވެ. އަދި ގަސްތުގަ މުސްލިމަކު ދީނުން ބޭރު ވެދާނެ އެވެ. ދެން އޭނަގެ މައްސަލަ ނުބަލާ ހުރެދާނެ އެވެ.

    7
    1
  7. ދެބޯ

    “ބިރު ކުޑޭ”
    ސަންދޯކައްލާދުވަހުން ތިގޮތައްތަ ޖަވާބުދޭނީ.
    މިކަމުގައި ބޮޑާކަން އިސްނުކުރޭ.
    މިކަމާދެކޮޅައް އެއްޗެއް ބުނެވޭތޯ ބަލާ. މީ ބަޔަކު ވަރައް ދުރާލާ ޖަހާ މަޅިއެއް. ތިބާ އައް ހެޔޮވިސްނުން ދެއްވާށި.

    20
    2
  8. ޙާލަތު

    އެތައް ކައުންސިލަކުން މިހާރު ވަނީ އެކަމާ ދެކޮޅަށް ބަޔާން ނެރުއްވާފަ. އެމްޑީޕީ ފުލް މެޖޯރިޓީ ކައުންސިލްތަކުންވެސް އެ ބިލާ ދެކޮޅަށް ބަޔާން ނެރުއްވާފައިވޭ. ޗެކް އަލީ ރަމީޒް ގެ ޓްވިޓަރ. މަ ހިތައްއަރާ މި ނޫސްތަކަށް ހަމަ އެ ޓްވީޓްތައް ނުފެންނަނީބާއޭ. ނޫނީ ހިއްޕުޅާ ނުވެދާނެތީ އެ ޚަބަރުތައް ކަވަރވކުރަން ބޭނުން ނުވަނީ ބާއޭ. ލާދީނީ ބިލާ އަހަރެން ދެކޮޅު.