ރާއްޖެ އިން ކޮވިޑް-19 ޖެހުނު އުމުރުން ދުވަސްވީ މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ރަނގަޅުވެފައި ވަނީ ލ. އިސްދު އަށް އުފަން 107 އަހަރުގެ ހައްވާ މުހައްމަދެވެ.
އިސްދޫ ހެލްތު ސެންޓަރުގެ މެނޭޖަރު އަހުމަދު އާސިމް މިއަދު "ވަގުތަށް" ވިދާޅުވީ ހައްވަ ކޮވިޑް-19 އަށް ފައްސިވެ، ހާލު ދެރަވާން ފެށުމުން އެ ސެންޓަރުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ.
އާސިމް ވިދާޅުވި ގޮތުގައި ހައްވަ ކޮވިޑަށް ފައްސިވެފައި ވަނީ އެޑްމިޓް ކުރުމުގެ ހަތަރު ދުވަހެއް ވަރު ކުރިންނެވެ. އުމުރުން ދުވަސްވީ އެމީހާ ކޮވިޑަށް ޓެސްޓް ކުރީ ރޯގާގެ އަލާމާތްތައް ފެންނަން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެޑްމިޓް ކުރީ ހާލު ދެރަވާން ފެށުމުން، ނޭވާލާން އުނދަގޫވެގެން ގެނައީ،" އާސިމް ވިދާޅުވިއެވެ.
ހައްވަގެ ހާލު އިތުރަށް ގޯސްވާން ފެށުމުން ލ. އަތޮޅު ކޮވިޑް ފެސިލިޓީ އަށް ގެންދިޔައީ ޖޫން ފަސް ވަނަ ދުވަހުއެވެ. އަދި ބަލިން އެއްކޮށް ރަނގަޅުވުމާ އެކު ހައްވަ އެނބުރި ރަށަށް އައީ މިދިޔަ ހުކުރު ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ހައްވާ މުހައްމަދުގެ ހާލު ވަރަށް ބޮޑަށް ރަނގަޅު،" އާސިމް ވިދާޅުވިއެވެ.
ހައްވަގެ ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ތިން ދަރިންގެ އުމުރުން 65 އަހަރުން މަތިވެފައިވާ ކަމަށްވެއެވެ.
ހައްވައަކީ ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
އާސިމް ވިދާޅުވީ އިސްދޫގައި އެކަނި ވެސް 100 އަހަރުން މަތީގެ ތިން މީހަކު މިހާރު ވެސް ދިރިއުޅެމުން އަންނަ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި އެ ރަށުގައި ހުރި އެންމެ ދުވަސްވީ މީހަކީ ވެސް ހައްވަ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްދޫ/ކަލައިދޫ އިން މިހާތަނަށް އައިއިރު 336 މީހަކު ކޮވިޑަށް ފައްސިވެ، 248 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ދެ ރަށުގައި ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 88 އަށް އަރައެވެ. އިސްދޫ/ކަލައިދޫގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
ކޮވިޑްގައި އެންމެ ހާލު ބޮޑުވާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ދާއިމީ ބައްޔަކަށް ބޭސް ކައި އުޅޭ މީހުންނަށް ވެސް މި ބަލީގެ ނުރައްކާ ބޮޑެވެ.
ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑްގެ އެކި ވޭރިއަންޓުތައް ފެތުރިފައިވާ އިރު، އުމުރުން ދުވަސްވީ މީހުންނަށް އެކަނި ބަލީގެ ނުރައްކާ އޮތް ކަމަށް ބެލުމުގެ ފުރުސަތު ކުރިން އޮތަސް، މިހާރު އެހެން ބުނުމުގެ ފުރުސަތެއް ނެތެވެ. އެއީ މި ބަލީގައި ބޮޑުވަރުވާ މީހުންގެ ތެރޭގައި ޒުވާނުންނާއި ކުޑަކުދިން ވެސް އާދަޔާ ހިލާފަށް ގިނަވެފައިވާތީއެވެ.
އަލްހަމްދުލިއްލާހި. މިބޭފުޅާ ވައްތަރީ 80 ވަރަކަށް އަހަރުގެ ބޭފުޅަކާ. އުފަން ދުވަސް ރެކޯޑު ކުަރަން ފެށީ މީގެ 40 އަހަރު ކުރިން. ސުނާމީގެ ފަހުން ވެސް ވަރަށް ގިނަ މީހުން އުމުރު ޖެހީ ދިމާނުވާގޮތަށް.
އަލްހަމްދުﷲ
ޢަލްހަމްދު ލިއްލާހި.