މ. މުލަކުގައި ކަރަންޓީނުގައި ހުރި މީހަކު ކަރަންޓީނުގެ އުސޫލުތަކާ ޚިލާފަށް ޑެލިވަރީއަށް ނުކުމެ އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މުލަކުން "ވަގުތު" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ ރަށުގައި ކަރަންޓީނު ކޮށްފައި ހުރި ގެއެއްގައި ދިރިއުޅެމުންދާ މީހަކު ޑެލިވަރީ ޚިދުމަތް ދިނުމަށް އޭނާގެ އަމިއްލަ ވިޔަފާރި ކުރަމުންދާ ކަމަށެވެ.

އެ މީހަކު އެހެން ނުކުމެ އުޅޭތީ ރަށު ކައުންސިލާއި ފުލުހުންނާއި ރަށުގައި ހަރަކާތްތެރިވާ ޓާސްކް ފޯސްގެ ސަމާލު ކަމަށް މި ކަން ގެނެސްފައިވާ ކަމަށް އެ ރަށުން މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޑެލިވަރީއަށް ނުކުމެ އުޅޭ މީހާގެ އަނބިމީހާ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންވެ އެ ގެ ވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ކަރަންޓީނު ކޮށްފައެވެ.

އެ ގެ ކަރަންޓީނަށް ލާފައި ވަނީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ. އިއްޔެއާ މިއަދު ވެސް އެ މީހަކު ރަށު ތެރެއަށް ނުކުމެ އުޅޭ ކަމަށް އެނގިފައިވެއެވެ. އަދި ރަށުގެ ގިނަ ގޭގެއަށް މިހާރު ޑެލިވަރީ ކުރަން ނުކުމެ އުޅުނު ރަށުގެ ބައެއް މީހުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން މުލަކު ކައުންސިލްގެ ރައީސް އަހްމަދު ޖަމާލް ވިދާޅުވީ އެފަދަ މައްސަލައެއް ކައުންސިލްގެ ސަމާލު ކަމަށް މިއަދު އައިސްގެން ފުލުހުން މެދުވެރިކޮށް އެ މީހަކު މިހާރު ހުއްޓުވާފައިވާނެ ކަމަށެވެ.

"އާންމުންގެ ދެ ފަރާތަކުން އަޅުގަނޑުމެންނަށް މިއަދު އެ މައްސަލަ ހުށަހެޅި، މިހާރު ވާނީ ފުލުހުން މެދުވެރިކޮށް އެ މީހަކު ހުއްޓުވައިފަ، އަދި އެ އޮންނަ އުސޫލުގެ ތެރެއިން ފުރަތަމަ ފަހަރު ކަމުން ނަސޭހަތް ދީފަ ވާނެ،" ޖަމާލް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ޖަމާލް ވިދާޅުވި ގޮތުގައި އެ ފަރާތަކުން ދެވަނަ ފަހަރަށް އެ ކަމެއް ތަކުރާރު ކުރޭތޯ ވަރަށް ގާތުން އެ ކަންކަން ދަނީ ބަލަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދަނީ މުޅި ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރެމުންނެވެ. މި ގޮތުން 60 އަށް ވުރެ ގިނަ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ބައެއް ރަށްރަށުގައި ކާފިއު ވެސް ދަނީ ހިންގަމުންނެވެ.

މި ބަލިމަޑުކަން ފެތުރެމުން އަންނާތީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެޗްޕީއޭއިން ދަނީ އޭރެއްގެ ހާލަތަށް ރިއާޔަތްކޮށް އަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑްލައިން އާންމުކުރަމުންނެވެ. އެ ގައިޑްލައިނާ ޚިލާފުވާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ދަނީ ފިޔަވަޅު އަޅަމުންނެވެ.