އޮންލައިންކޮށާއި، އަދި ރީޓެއިލް ފިހާރަތަކުގައި މުދާ ވިއްކަމުން އަންނަ "ލިބޭ" އިން ހއ.ދިއްދޫގެ މުއައްސަސާތަކަށް 840 ފުޅި ސެނެޓައިޒާ ހަދިޔާކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން "ލިބޭ"ގެ އޮފިޝަލަކު ވިދާޅުވީ ދިއްދޫގެ ކައުންސިލާއި އަދި އެހެނިހެން މުއައްސަސާތަކާއި ތަންތަނަށް ވެސް މިއަދު ސެނެޓައިޒާ ހަދިޔާކޮށްފައިވާ ކަމަށެވެ.

"ލިބޭ" އިން ވަނީ ރަށު ކައުންސިލް އިދާރާއާއި މިސްކިތްތަކަށާއި އަދި ޕްރީސްކޫލަށް ހަދިޔާކުރި 240 ފުޅި ސެނެޓައިޒާ ކައުންސިލާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް 240 ފުޅި ސެނެޓައިޒާ، އަމާންވެށި އަށް 72 ފުޅި ސެނެޓައިޒާ، ޕޮލިސް ސްޓޭޝަނަށް 72 ފުޅި ސެނެޓައިޒާ، ސްކޫލަށް 96 ފުޅި ސެނެޓައިޒާ، ޔޫތު ސެންޓަރާއި، ޕޯސްޓް އޮފީހާއި ފެނަކަ ކޮންމެ އިދާރާއަކަށް 24 ފުޅި ސެނެޓައިޒާ އަދި އަތޮޅު ކައުންސިލް އިދާރާއަށް 48 ފުޅި ސެނެޓައިޒާ ވަނީ ހަދިޔާ ކޮށްފައެވެ.

"ލިބޭ"ގެ އޮފިޝަލަކު ވިދާޅުވީ ސެނެޓައިޒާ ހަދިޔާ ކުރީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"ކުރިއަށް އޮތްތަނުތައި ވެސް ރަށުގެ މުއައްސަސާތަކަށާއި އަދި ރަށުގެ ރައްޔިތުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބެނެ. މިއީ ފެށުމެއް. މިހާރު ވެސް ބައެއް އިތުރު ކަންކަން މިދަނީ ރާވަމުން." ލިބޭގެ އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" އިން ވަނީ މިދިޔަ މަހު ދިއްދޫގައި ފިހާރައެއް ވެސް ހުޅުވާފައެވެ.

"ލިބޭ" އިން ވަނީ މަދުދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ މެދުގައި މަގުބޫލް ގިނަ އުފެއްދުންތަކެއް ރާއްޖެ ގެނެސް ވިއްކަން ފަށާފައެވެ. "ލިބޭ" އާއި ގުޅޭ އިތުރު މައުލޫމާތާއި އެކުންފުނިން ވިއްކާ އުފެއްދުންތަކުގެ މައުލޫމާތު ކުންފުނީގެ ފޭސްބުކް ޕޭޖް އިން ފެންނާނެއެވެ.