ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫންގެ ނިރުބަވެރިކަމުގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ފާރިސްގެ ނިރުބަވެރިކަމުގެ މައްސަލަ ތާވަލު ކޮށްފައި ވަނީ 13:00 އަށެވެ.

ފާރިސްގެ ނިރުބަވެރިކަމުގެ މައްސަލަ އިތުރުން އޭނާގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅިވާލި ކަމުގެ ދައުވާގެ އަޑުއެހުމެއް ވެސް މިއަދު 11:00 އަށް ތާވަލު ކުރިއެވެ. ނަމަވެސް އެ މައްސަލަ ވެސް ވަނީ މިއަދު ކެންސަލް ކޮށްފައެވެ.

ފާރިސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުމާއި ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށް ބުނެއެވެ. މީގެއިތުރުން އެ އަމުރު ނެރުމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ލައްވައި ބައެއް ފުލުހުން މަގު މައްޗަށް ނެރެގެން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރި ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި ދެ ވަނަ އިބްތިދާއީ އަޑުއެހުމުގައި ފާރިސް ވަނީ ދައުވާ ބޮޑަށް ސިފަވަނީ މީހަކަށް ފެނުނުގެ ހުވަފަނެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ ވަނީ ދައުވާގައި ބުނާ ހުރިހާ ކަމަކަށް އިންކާރު ކުރައްވާފައެވެ.

މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް 32 ހެއްކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސިއްރު 17 ހެކިވެރިއަކާއި ހަތް ފުލުހަކާއި ހަތަރު ސިއްރު ލިޔުމެއް ހިމެނެއެވެ.